މިހާރު އަމަލުކުރަން ފަށާފައިވާ ފޮރިން ސާވިސް ގާނޫނުގެ ދަށުން، ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާ ލަފާ ދިނުމަށްޓަކައި ފޮރިން ސާވިސް އެޑްވައިޒަރީ ބޯޑު އެކުލަވާލައިފިއެވެ.
ފޮރިން މިނިސްޓްރީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިދިޔަ މެއި މަހު އަމަލުކުރަން ފެށި ފޮރިން ސާވިސް ގާނޫނުގެ ދަށުން އެކުލަވައިލަން ޖެހޭ "ފޮރިން ސާވިސް އެޑްވައިޒަރީ ބޯޑު" ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު އުފައްދަވާފައިވާ ކަމަށެވެ.
މި ބޯޑުގެ ފުރަތަމަ ބައްދަލުވުން ވެސް އިއްޔެ ބާއްވާފައިވާ އިރު، ބޯޑުން ލަފާދޭ ކަންކަމުގެ ތެރޭގައި ފޮރިން ސާވިސް އެކުލެވިގެންވާ ގޮތާއި ގަވައިދުތަކާއި އެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ކަންކަން ހިމެނެއެވެ.
ފޮރިން ސާވިސްގެ ގާނޫނަށް އަމަލުކުރަން ފެށިތާ 90 ދުވަހުގެ ތެރޭގައި ފޮރިން ސާވިސްގެ ހިދުމަތް އުފައްދަން ޖެހޭ އިރު، އެ ހިދުމަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާނީ ފޮރިން ސެކްރެޓަރީއެވެ. ތިން އަހަރު ދުވަހުގެ މުއްދަތަށް މީހަކު އައްޔަން ކުރަނީ ފޮރިން މިނިސްޓަރުގެ ލަފައާ އެކު ރައީސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް، އެ މަގާމަށް އައްޔަނުކުރެވޭ ފަރާތަކީ މިނިސްޓްރީގައި މަދުވެގެން 15 އަހަރު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.