ޚަބަރު

މިދިޔަ މަހު ރޯގާ ޖެހުނު މީހުންގެ އަދަދު 27 ހާހުން މަތި، އިންފްލުއެންޒާއަށް 10 މީހުން ޕޮޒިޓިވް

ރިފާ ހަލީލު

އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ ޖުލައި މަހު ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދު 27000 މައްޗަށް އަރައިފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އިތުރު އަދަދެކެވެ.

އެޗްޕީއޭ އިން އިއްޔެ އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަރިދަފުސް ރޯގާޖެހިގެން މިދިޔަ ޖޫން މަހު 21802 ކޭސް ރިޕޯޓު ކޮށްފައިވާއިރު ހުސްވި ޖުލައި މަހު 27،553 ކޭސް އެއް ވަނީ ރިޕޯޓުކޮށްފައެވެ.

އިންފުލުއެންޒާއަށް ޝައްކު ކުރެވިގެން ޖޫން މަހު 95 މީހަކު ޓެސްޓުކޮށްފައިވާއިރު ޖުލައި މަހު ވަނީ 54 މީހަކު ޓެސްޓުކޮށްފައެވެ. ޖޫން މަހު އިންފުލުއެންޒާއަށް ޕޮޒިޓިވް ވީ ހަ މީހުންނެވެ. ނަމަވެސް ޖުލައި މަހު 10 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި މިންވަރު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ޖޫން މަހު 294 ކޭސް ރިޕޯޓުކޮށްފައިވާއިރު ޖުލައި މަހު 322 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

އޭގެ އިތުރުން ބޭރަށް ހިންގުމާއި ހޮޑުލުމުގެ 2376 ކޭސް ޖޫން މަހު ރިޕޯޓުކޮށްފައިވާއިރު ޖުލައި މަހު ވަނީ 3103 ކޭސް ރިޕޯޓުކޮށްފައެވެ.

މި ދުވަސްވަރު ރާއްޖޭގައި އަރިދަފުސް ރޯގާ ފެތުރުން އިތުރުވެފައިވާއިރު، އެކަމުން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. ޑެންގޫ ފަދަ ބަލިތަކުން ރައްކާތެރިވުމަށް މަދިރި އުފެދޭ ތަންތަން ނައްތާލުމަށް މަސައްކަތް ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.