ރިޔާޒް ރަޝީދު

ނިހާނާއި އަދުރޭގެ މަގާމު މިހާރު ސައްހައެއް ނޫން: ރިޔާޒް ރަޝީދު

ޕީޕީއެމްގެ ޕީޕީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކާއި ޑެޕިއުޓީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ މަގާމު މިހާރު ސައްހަ ނޫން ކަމަށް އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާޒް ރަޝީދު މިހެން ވިދާޅުވެފައި މި ވަނީ އޭނާ ޕީޕީއެމްގެ ޕީޖީ ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމުން ވަކިކުރަން އުޅޭ ކަމުގެ ވާހަކަތަކެއް މީޑިއާގައި ފެންމަތިވެފައިވާ ވަގުތެއްގަ އެވެ.

"ވަން އޮންލައިން" އަށް ދެއްވި އިންޓިވިއުއެއްގައި ރިޔާޒް ވިދާޅުވީ އޭނާ މަގާމުން ވަކިކުރަން އުޅެނީ އިދިކޮޅު ބައެއް ފަރާތްތަކާ އެކު އޭނާ ހުންނެވި ފޮޓޯއެއް ޓްވީޓް ކޮށްފައިވާ މައްސަލައެއްގައި ކަމަށާއި އެއީ އޭނާ ކުރެއްވި ޓްވީޓެއްކަން ވެސް ކަށަވަރު ނުވާ ކަމަށެވެ.

ރިޔާޒް ވިދާޅުވީ، އޭނާ ވަކިކުރައްވަން އިސްވެ އެ މަސައްކަތުގައި އުޅުއްވަނީ ނިހާން އާއި އަދުރޭ ކަމަށާއި އެންމެ ފުރަތަމަ އެދެބޭފުޅުންގެ މަގާމާ މެދު ސުވާލު އުފައްދަން ޖެހޭ ކަމަށެވެ.

"ރައީސް ޔާމީން ޕީޕީއެމްގެ ރައީސް ކަމަށް އިންތިޚާބު ކުރި ކޮންގްރެސް އެވަނީ ބާތިލުކޮށްފައި. އެހެންވީމަ ޕާޓީގެ ރައީސަކީ ކޮބައިތޯ މިހާރު ސުވާލު އުފެދޭ. ޕާޓީގެ މުޝްތަޝާރާ އޭރު ކޯޓު އަމުރެއްގެ ދަށުން ހަވާލުކުރެއްވީ ހަމައެކަނި ޖަލްސާއެއް ބާއްވަން. އޭގެ ފަހުން ވެސް އެ މައްސަލައަށް އިތުރު ފަރުވާއެއް ނުހޯދައި މިހާ ހިސާބަށް ޕާޓީ ހިންގީ." ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނިހާން އާއި އަދުރޭ ވަނީ ޕާޓީގެ އިންތިޚާބީ ރައީސް، ރައީސް މައުމޫން ޕާޓީ ހިންގެވި އިރު ޕާޓީގެ މެންބަރު ކަމުން ވަކިކުރައްވައިފައި ކަމަށެވެ. އެހެން ކަމުން އެ ދެބޭފުޅުން އިސްނަންގަވައިގެން ކުރައްވާ ކަމެއް ސައްހަ ވާނެތޯ އާއި މިހައިތަނަށް އެދެބޭފުޅުން ނިންމެވި ނިންމެވުންތައް ވެސް ސައްހަ ވާނެތޯ ރިޔާޒް ރަޝީދު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ރިޔާޒް ވިދާޅުވީ ޕީޖީ ޑެޕިއުޓީ ލީޑަރަކު މަގާމުން ވަކިކުރުމަށް ވޯޓަށް އެހުމަށް ޓަކައި ޕާޓީގެ ރައީސް ގެ ހުއްދަ ވެސް ބޭނުންވާނެ ކަމަށެވެ.

"ޕާޓީގެ އަސާސީ ގަވައިދު އެބަ ބުނޭ ޕީޖީ ޑެޕިއުޓީ ލީޑަރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގޭނީ ޕާޓީގެ ރައީސް ގެ ހުއްދަ އެކަމަށް ލިބިގެން ކަމަށް. މިހާރު ޕާޓީގެ ރައީސަކީ ކޮބައިކަމެއް ވެސް ނޭނގެ. އަދި ރައީސް ޔާމީން ވެސް އަޅުގަނޑުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ހުއްދައެއް ނުދެއްވާނެ." ރިޔާޒް ވިދާޅުވި އެވެ.