ރައީސް ޔާމީންގެ ސަރުކާރުގައި ފެއްޓި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ލިޔުން ދޫކޮށްފައިވާ މީހުންގެ ތެރޭގައި، ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޚަލީލުގެ އާއިލާއަށް ނިސްބަތްވާ ގިނަ ބަޔަކު ހިމެނިފައިވާކަން ހާމަވެއްޖެ އެވެ.
"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި، ފްލެޓް ލިބުނު މީހުންގެ ތެރޭގައި ހިމެނޭ މެންބަރު ޚަލީލުގެ އާއިލާގެ ބައެއް މެންބަރުން ދިރިއުޅެނީ ވެސް ފ. ނިލަންދޫގަ އެވެ. އަދި އޭގެން ގިނަ މީހުންނަށް ޕޮއިންޓް ލިބިފައި ވަނީ 70އިން ދަށުންނެވެ.
ވަން އޮންލައިނުން ބެލި ބެލުމުން އެނގުނު ގޮތުގައި ފްލެޓް ލިބިފައިވާ މީހުންގެ ތެރޭގައި، ޚަލީލުގެ އަނބިމީހާ، ފަރީދާ އަބްދުލް އަޒީޒާއި، އެއްބަނޑު އެއްބަފާ ކޮއްކޮ ޝަޒީލާ މޫސާ އަދި އޭނާގެ ފިރިމީހާ އަލީ އަހުމަދާއި އެއްބަނޑު އެއްބަފާ ކޮއްކޮ ވަސީލާ މޫސާ އަދި އޭނާގެ ފިރިމީހާ ނާސިހު އާއި އެއްބަނޑު އެއްބަފާ ކޮއްކޮ ޝަމްސުﷲ ފަޒީލް ހިމެނެ އެވެ.
މީގެ އިތުރުން، ޚަލީލުގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއިންގެ ތެރެއިން ފެލެޓް ލިބުނު ޝަޒީލާ މޫސާގެ ފިރިމީހާގެ އަންހެން ކޮއްކޮ، ހުސްނުއްނިސާ އަހުމަދަށް ވެސް ވަނީ ފްލެޓް ލިބިފަ އެވެ.
މެމްބަރު ޚަލީލުގެ ދެބޭންގެ ދެދަރި ފިރިހެން ކުއްޖަކާއި އޭނާގެ އަންހެނުންގެ ނަން ވެސް ވަނީ ފްލެޓް ލިބޭ މީހުންގެ ލިސްޓަށް އަރައިފަ އެވެ. އެއީ ދެބޭންގެ ދެދަރި ކޮއްކޮ، އިޒްޔާން އަބްދުލް ހަކީމް އާއި އޭނާގެ އަންހެނުން ޔަޒީދާ އަހުމަދު އެވެ.
މީގެ އިތުރުން ޚަލީލުގެ އެއްބަނޑު އެއްބަފާ ކޮއްކޮ، އަގީލާ މޫސާގެ ފިރިމީހާ ހުސެއިން އަލީ އަށާއި އެއްބަނޑު އެއްބަފާކޮއްކޮ ނަސްރުﷲ ޖަލީލުގެ އަންހެނުން މަރިޔަމް ވަހީދާއަށް ވެސް ވަނީ ފްލެޓް ލިބިފަ އެވެ.
ވަން އޮންލައިނަށް ޔަގީންވެފައިވާ މި ލިސްޓުން އެނގޭ ގޮތުގައި ޚަލީލުގެ އާއިލާގެ 11 މީހެއްގެ ނަން މި ވަނީ ފްލެޓު ލިބޭނެ މީހުންގެ ލިސްޓަށް އަރައިފަ އެވެ. މި 11 މީހުންގެ ތެރެއިން، އެންމެ މީހެއް ފިޔަވައި އެހެން އެންމެންގެ މައިންބަފައިން ވެސް ދިރިއުޅެނީ ފ. ނިލަންދޫގައި ކަމަށް ވަނީ އެނގިފަ އެވެ.
މިކަމާ ގުޅޭ ގޮތުން މެންބަރު އަބްދުﷲ ޚަލީލުގެ ބަހެއް ހޯދުމަށް މެސެޖަކުން ދެންނެވުމުން ޖަވާބެއް ނުދެއްވި އެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ހިޔާ ފްލެޓްތައް ލިބޭނެ ކަމަށް އެންމެ ފަހު ވަގުތު ލިޔުންތައް ދޫކޮށްފައި ވަނީ އަވަސްއަރުވާލައިގެންނެވެ. އެ ގޮތުން ރޭގަނޑު ވަރަށް ދަން ވަންދެން ވެސް ލިޔުންތައް ދޫކޮށްފައިވެ އެވެ.
ހިޔާ މަޝްރޫއުގެ ފުލެޓް ލިބޭނެ ކަމުގެ ލިޔުން ދޫކޮށްފައި ވާނީ އެކަމަށް އެންމެ ހައްގު މީހުންނަށް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ.
ހިޔާ މަޝްރޫއުގެ ފްލެޓް ލިބޭނެ ކަމުގެ ލިޔުން ދޫކޮށްފައި ވަނީ އޭގެ ހައްގުވެރީންނަށްތޯ، ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ކޮމެޓީއެއް އެކުލަވައިލައްވައިފަ އެވެ. އެ ކޮމެޓީން ކުރީން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނީ ފްލެޓް ލިބޭނެ ކަމުގެ ލިޔުންތައް ދީފައި ވަނީ އެއްވެސް ކަހަލަ އުސޫލަކުން ނޫން ކަމަށެވެ. އެކުލަވައިލައިފައިވާ ކްރައިޓީރިއާއަށް ބަލާ އިރު ޝަރުތު ހަމަނުވާ އެތައް ބަޔަކަށް ވެސް ލިޔުން ދޫކޮށްފައިވާ ކަމަށް ކޮމެޓީން ވަނީ ބުނެފަ އެވެ.