ޚަބަރު

އީސީގެ މެންބަރުކަމަށް އެމަގާމުގައި މިހާރުވެސް ހުންނެވި ހަބީބުގެ ނަން ކޮމިޓީން ފާސްކޮށްފި

އިބްރާހިމް ޒަކީ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު އިސްމާއީލް ހަބީބުގެ ދައުރު ހަމަވާތީ، މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން، ހަބީބު އަނެއްކާވެސް އެ ކޮމިޝަނަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ އީސީގެ މެމްބަރުކަމަށް ކުރިމަތި ލެއްވި 16 މީހުންނާ އިންޓަވިއުކޮށް އެކުލަވައިލި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިފަ އެވެ.

ކޮމެޓީން އެނަންތައް ދިރާސާކޮށްފައިވާ ރިޕޯޓްގައި، އެންމެ މަތީ މާކްސްގެ ގޮތުގައި ހަބީބަށް 90.28 މާކްސް ވަނީ ލިބިފައެވެ.

ދެވަނައަށް އެންމެ މަތިން މާކްސް ލިބިފައިވަނީ ހ. އަމްސާވިލާ އަހުމަދު މޫސާ އަށެވެ. އޭނާއަށް ލިބިފައިވަނީ 75.57 މާކްސްއެވެ.

ކޮމެޓީން ދިރާސާ ކުރާއިރު، ކޮމެޓީން ފާސްވާ ކަމަށް ނިންމަނީ 75 މާކްސްއިން މަތީ މާކްސް ލިބޭ ފަރާތްތަކުގެ ނަންތަކެވެ.

ކޮމިޓީ ރިޕޯޓްގައިވާގޮތުން، އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތި ލެއްވި 16 ބޭފުޅުންގެ ތެރެއިން ކޮމެޓީން ފާސްވި ކަމަށް ނިންމާފައިވަނީ ހަބީބުގެ ނަމާއި އަހުމަދު މޫސާގެ ނަން އެކަންޏެވެ. ދެން ތިއްބެވި ފަރާތްތަކަށް ލިބިފައިވަނީ 75 އިން ދަށް މާކްސް އެވެ. ނެ އެވެ.