ޖަރުމަނުވިލާތުގެ ބާލިންގައި މިމަހު 06 އިން 10 އަށް ބާއްވާ އިންޓަނޭޝަނަލް ޓުއަރިޒަމް ބޯސް (އައިޓީބީ) ފެއާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ރޭ ޖަރުމަންވިލާތަށް ފުރާވަޑައިގެންފިއެވެ.
މި ފެއާގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވަނީ މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ދައުވަތަކަށެވެ.
ރާއްޖެއިން ފެއާގައި ބައިވެރިވާ ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ހައިސިއްޔަތުން މި ފެއާގައި ބައިވެރިވެވަޑައިގަންނަވާނީ ނައިބު ރައީސް ފައިސަލްއެވެ.
އައިޓީބީ ބާލިން ފެއާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން އެއްތަނަކަށް ޖަމާވެ ފަތުރުވެރިކަން އިސްތިހާރުކޮށް އެވިޔަފާރި މާކެޓް ކުރުމަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ.