ތަތްމަކުނަކީ ވަރަށް ފަސޭހައިން އާލާވާ ބާވަތެއްގެ ސޫތްޕެކެވެ. އެނދު، އަލަމާރި، އުނދޯޯލި، ގޮނޑި، މޭޒު، އަންނައުނު ފަދަ އެތަކެއް އެއްޗެއްގައި ވަރަށް ފަސޭހަކަމާއެކު ދިރިއުޅެން ފަށައި، އާލާވެގަނެއެވެ. އާއްމުކޮށް ދިހަމަހާއި އެއްއަހަރާ ދެމެދުގެ މުއްދަތަކަށް ދިރިިއުޅޭއިރު ތަތްމަކުނު ކޮންމެ ފަހެއް ނުވަތަ ހަރެއިން އެއްފަހަރު ލޭގެ ކާނާ ހޯދުމަށް ނުކުމެއެވެ. މިމަކުނުތައް އެންމެ ފަސޭހައިން ގެއަށް އަންނަނީ ބޭރުން ގެއަށް ގެނެވޭ ފޮތީގެ ނޫނީ އަންނައުނު ނޫނީ ފަރުނީޗަރު ކަހަލަ އެއްޗެހި މެދުވެރިކޮށެވެ.
ދުވާލުގެ އަލިކަމުގެ ތެރޭގައި މަކުނު ވަރަށް މަދު ފަހަރެއްގައި ނޫނީ ނުފެންނާނެއެވެ. ތަތްމަކުނު އުޅޭކަން ގިނަފަހަރު ނޭނގެނީވެސް ނުފެންނާތީއެވެ. އަލީގެ ތެރޭގައި މަކުނު ނުކުމެއެއް ނޫޅެއެވެ. ވަރަށް މަދު ފަހަރެއްގައި ނޫނީ ނުކުމެ ތިލަވެގަންނާނީ ރޭގަނޑުގެ ކަޅު އަނދިރީގައެވެ. ދުވާލުގެ އަލީގައި ބެޑްޝީޓް ފަދަ ތަކެތީގެ މަތިން ނުފެނުނު ނަމަވެސް އެތަކެތި ގޮދަޑީގެ ތެރޭގައި ތިބެގެން އެނދުގައި އޮންނަ މީހަކަށް ހަމަލަދޭނެއެވެ. އޭގެ މައިގަނޑު ކާނާއަކީ ލޭ ކަމުގައިވިޔަސް، މީހުންގެ ގައިން އޮހޭ ދާ، ދާވެފައި ނޫނީ ރަނގަޅަށް ނުހިކި ހުންނަ އަންނައުނު ފަދަ ތަކެތިން ހުތްފެލައިގެން ކައިބޮއި ހަދައެވެ. އެހެންކަަމުން މީހުން ދިރިނޫޅޭ ފަޅުތަންތަނުގައިވެސް މަކުނު އާލާވެއެވެ.
"ތަތްމަކުނަކީ ގެސްޓުހައުސް ތަކުގެ ލަޝްކަރީން. ހީވަނީ ވެލިމުށެއް ގޮދަޑީގެ ހަތަރުކަނަށް އަޅާފަ އޮތްހެން. ފުރަތަމަރޭ ނުނިދުނީމަވެސް ހިތަކަށް ނާރާ އެރޭ ނުނިދުނީ މަކުނު ހަފާވަރުންކަމެއް. ގައިމު މާލޭގެ ހަމަ އެންމެ އަގުބޮޑު އެއް ގެސްޓުހައުސް މީ." ހެންވޭރުގައި ހުންނަ ނަން މަޝްހޫރު ލޮޖެއްގެ ކުރިމަތިން ބައްދަލުވި، އަލަތު ދެމަފިރިއަކު ބުންޏެވެ.
އަނބިމީހާ ބުުނީ އެލޮޖުން ކޮޓަރި ހިފުމުގެ ކުރިން އެހެން ތިން ތަނަކުން އެމީހުން ކޮޓަރި ހިފި ކަމަށެވެ. އެހެންނަމަވެސް ފުރަތަމަ ހިފި ކޮޓަރި ނޫނީ އަނެއް ދެތަނުންވެސް އެމީހުން ބަދަލުވާން ޖެހުނީ މަކުނުގެ އުނދަގޫ ބޮޑުވެގެން ކަމަށެވެ. ލޮޖަކަށް އައީވެސް ކޮންމެ 24 ގަޑިއިރަށް ދައްކަން ޖެހޭ ފައިސާއާއި އެކަށީގެންވާ ވަރުގެ ތަނަކަށް ވެދާނެކަމަށް ވިސްނާފައިކަމަށްވެސް އެމީހުން ބުންޏެވެ.
ގެސްޓުހައުސް ތަކުގެ އިތުރުން މާލެ އަދި ރަށްރަށުގެ ގޭގޭގައި ވެސް ތަތްމަކުނަކީ ވަރަށް އާންމު އެއްޗެކެވެ.
މާލޭގެ ކުލީ ކޮޓަރިތަކުގަ އާއި ގެސްޓުހައުސްތަކުގެ ކޮޓަރިތަކުންވެސް ތަތްމަކުނު ފެނުމަކީ ފަހަކަށް އައިސް ވަރަށް އާއްމުވެފައިވާ ކަމެކެވެ. ތަތްމަކުނަކީ ވަރަށް ފަސޭހައިން ފެތުރޭ އަދި ނައްތާލަން ވެސް އެހާ އުނދަގޫ އެއްޗެކެވެ. މަދިރި، މެހި، ކުރަފި ފަދަ ތަކެތި ޝެލްޓެކްސް ކަހަލަ އެއްޗެހިން ނައްތާލެވުނަސް ތަތްމަކުނަކީ ޝެލްޓެކްސް ފަދަ ސްޕްރޭއިންވެސް މަރުވާ އެއްޗެއް ނޫނެވެ. އަދި މިއީ އެހާ ފަސޭހައިން ފެންނަ އެއްޗަކަށް ނުވާތީ، ގިނަ ފަހަރު މަކުނު އެޅިޔަސް ނޭނގި، ގައިގައި ހަފަނީ މަދިރި ނޫނީ ހިނި ކަހަލަ އެއްޗެއް ކަމުގައި ހީކޮށްގެން ތިއްބައި ފިލުވަން ދަތިވާ ވަރަށް އާލާވެގެން ހިނގައިދެއެވެ.
ތަތްމަކުނު އަޅާފައި ހުރިތޯ ބެޑްޝީޓް، ބާލީހުއުރަ ފަދަ ތަކެތީގެ ކަނުން ދެނެގަނެވިދާނެއެވެ. އާއްމު ގޮތެއްގައި މަކުނު ބިސް އަޅާނީ މިފަދަ ބާލީހުއުރަ، ބެޑްޝީޓު، ގޮދަޑި ފަދަ އެއްޗެހީގެ ކަންތަކަށެވެ. ކަޅުކުލައިގެ ކުދިކުދި ތިކިތަކެއްހެން ފެންނަން ހުރިނަމަ އެތަނެއްގައި މަކުނު އުޅޭކަން ޔަގީން ކުރާށެވެ! މަކުނުން ސަލާމަތްވުމަށް ކުރެވޭނެކަންތައްތައް މަދެވެ. އެހެންނަމަވެސް މިފަދަ ނުރައްކާތެރި ސޫތްޕެއްގެ ފަރާތުން ރައްކާތެރިވުމަށް ކޮންމެހެންވެސް މިކަންތައް ކުރަން ޖެހޭނެއެވެ.