ދ. ކުޑަހުވަދޫން މަންތާ އެއާލައިންގައި ބަލި މީހުން ގޮވައިގެން ދަތުރުނުކުރާ މައްސަލަ ބޮޑުވެ މުޒާހަރާކޮށްފައި ވަނިކޮށް، ބަލި މީހުން ގޮވައިގެން ދަތުރުކޮށްދޭން އެ އެއާލައިނުން އެއްބަސްވެއްޖެއެވެ.
މަންތާއިން ހިންގާ ދާލު އެއާޕޯޓަށް ދަތުރުތައް ކުރަނީވެސް އެ އެއާލައިނުން އެކަންޏެވެ. ނަމަވެސް ކުޑަހުވަދޫ ޒުވާނަކު ހާޓްއެޓޭކެއް ޖެހިގެން އިމަޖެންސީގައި މާލެ ފޮނުވަން ބޭނުންވެގެން އެކަމަށް ފްލައިޓެއް ހަމަޖައްސައި ދިނުމަށް މަންތާގައި އެދުމުން، އެކަން ހަމަޖައްސައި ނުދިން ކަމަށް ބުނެ ދާލު އެއާޕޯޓު ސަރަހައްދުގައި މިދިޔަ ހޯމަ ދުވަހު ހަވީރުން ފެށިގެން އެ ރަށުގެ ބައެއް ރައްޔިތުން ދަނީ މުޒާހަރާކުރަމުންނެވެ.
އެ މައްސަލައިގައި މަންޓާ އެއާލައިންގެ ސީއީއޯ މުހައްމަދު ހަލީލާއި އެތަނުގެ އިސްވެރިން ރޭ ކުޑަހުވަދުއަށް ވަޑައިގެން ރަށުގެ ކައުންސިލާއި އާއްމުންނާއެކު ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން "ވަން" އަށް މައުލޫމާތު ދެއްވަމުން ކުޑަހުވަދޫ ކައުންސިލުގެ މެމްބަރު އިސްމާއިލް ފާރިޝް ވިދާޅުވީ، އާސަންދަ ހަމަނުޖެހުނަސް، އިމަޖެންސީ ކޭސްތަކުގައި ބަލި މީހުން އުފުލައިދޭން މަންތާ އެއާގެ ސީޕްލޭން ފޮނުވައިދޭނެ ކަމަށް ހަލީލް ވިދާޅުވި ކަމަށެވެ.
ދާލު އެއާޕޯޓުގައި ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވި އާންމުންގެ މީހަކު "ވަން" އަށް މިއަދު ބުނީ، ކުޑަހުވަދޫ ރައްޔިތުންގެ ކަންބޮޑުވުމަށް ހައްލެއް ގެނެސްދޭނެ ކަމަށް ހަލީލު ވިދާޅުވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި މައިގަނޑު ތިން ކަމެއް ނިންމި ކަމަށް ބުންޏެވެ.
އެގޮތުން ދުވާލުގެ ވަގުތުގައި އަންނަ އެމަޖެންސީ ކޭސްތަކުގައި ބަލި މީހުން އުފުލުމަށް މަންޓާގެ ސީޕްލޭން ހަމަޖައްސައިދޭނެ ކަމަށާއި މަންޓާއިން ކުޑަހުވަދޫއަށް ރޭގަނޑު ބާއްވާ އެންމެ ފަހު ފްލައިޓާއި ހެނދުނު ބާއްވާ ފްލައިޓުގެ އަގު ހެޔޮކުރުމުގެ މަޝްވަރާތައް ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށް ބުންޏެވެ.
އޭގެ އިތުރުން ރޭގަނޑު އަންނަ އެމަޖެންސީ ކޭސްތަކަށް މޯލްޑިވިއަންގެ ފްލައިޓެއް ދާލު އެއާޕޯޓަށް ޑައިވާޓްކޮށް، އެ ފްލައިޓުގެ ރޫޓިންއަށް މަންތާގެ ފްލައިޓެއް ފޮނުވައިދޭން މަސައްކަތްކުރާނެ ކަމަށްވެސް ހަލީލު ވިދާޅުވި ކަމަށް "ވަން" އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
އެކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން މަންތާ އެއާގެ މާކެޓިން އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މުބީން ޖަލީލު މިއަދު ވިދާޅުވީ، ރޭގެ ބައްދަލުވުމުގައި ކުޑަހުވަދޫ ރައްޔިތުން ބޭނުންވި ކަންކަމުގެ ތެރެއިން މަންތާއަށް ކޮށްދެވެން ހުރި ކަންކަން ކޮށްދޭނެކަމުގެ ޔަގީންކަން ދީފައިވާނެ ކަމަށެވެ.
"ނަމަވެސް އާސަންދަ ހަމަނުޖެހި އޮއްވައި، ދަތުރުތައް ކޮށްދޭނެ ކަމަށް ވިދާޅުވެފައިވާކަން އަދި ސާފެއް ނޫން. މީގެ ކުރިންވެސް މަންތާއިން އައީ އެމަޖެންސީ ކޭސްތަކުގައި އެހީތެރިކަން ފޯރުކޮށްދެމުން،" މުބީން ވިދާޅުވިއެވެ.