މަންތާ އާއި ފްލައިމީ އިން ސްޓެޗަރުގައި ބަލިމީހުން އުފުލޭނެ އިންތިޒާމު ކުރިޔަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ހަމަޖައްސަން އަންގަވަން ޓްރާންސްޕޯޓު އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ނިންމަވައިފި އެވެ.
ދާދި ދެންމެ "ވަން" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، މަންތާ އާއި ފްލައިމީން ކުރިޔަށް އޮތް ތިންމަހުގެ ތެރޭގައި މި އިންތިޒާމު ހަމަޖައްސަން އެ ދެ އެއާލައިން އޮޕަރޭޓް ކުރާ ފަރާތްތަކަށް އަންގަން، ސިވިލް އޭވިއޭޝަނަށް މެމޯއަކުން މިއަދު އަންގަވައިފައިވާ ކަމަށެވެ.
ރާއްޖޭގައި އެއާލައިންތައް އޮޕަރޭޓްކުރުމާ ގުޅޭ ގޮތުން ހަދަން ޖެހޭ މިންގަނޑުތައް އެކުލަވައިލަން ޖެހޭ ފަރާތަކީ ސިވިލްއޭވިއޭޝަން އޮތޯރިޓީ އެވެ. އެ އޮތޯރިޓީ އިދާރީ ގޮތުން ހިންގެވުމުގައި އެންމެ އިސްކޮށް ހުންނަވަނީ ޑިރެކްޓަރު ޖެނެރަލް ހުސެއިން ޖަލީލް އެވެ. ޑީޖީ ރިޕޯޓުކުރައްވަން ޖެހިވަޑައިގަންނަވާނީ މިނިސްޓަރަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވާނީ މިނިސްޓަރެވެ.
"މިއަދު އަޅުގަނޑު މެމޯއަކުން އެކަން ކުރަން އަންގައިފިން. އެ މެމޯ ސިވިލްއޭވިއޭޝަންގެ ބޯޑަށް ވެސް ވާނީ ހިއްސާކޮށްފަ. މިކަން ނުކޮށްފި ނަމަ ދެން އަޅަން ޖެބޭ ފިޔަވަޅުތައްވެސް އަޅުގަނޑުމެން އަޅަމުން ގެންދާނަން." މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުޑަހުވަދޫގައި ހާލުދެރަ ބަލި މީހަކު މާލެއަށް ނުގެނެވި ލަސްވުން އެއީ ހިތާމަކުރައްވާ ކަމެއް ކަމަށާއި އެރަށުގައި ރައްޔިތުން ކުރިޔަށް ގެންދާ އިހުތިޖާޖާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. މިއީ އެތައް އަހަރެއް ވީ އިރުވެސް ހައްލު ނުވެ އޮތް ސީރިއަސް މައްސަލައެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ އެދިވަޑައިގަންނަވަނީ ކުޑަހުވަދޫ ރައްޔިތުންގެ އިހުތިޖާޖަށް އަވަސް ނިމުމެއް އައުން ކަމަށާއި އަދި މި ފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ހަމަޖެހިގެން ދިއުން ކަމަށެވެ. ސިޔާސަތު ކަނޑައަޅުއްވާ މިނިސްޓަރުގެ ހައިސިއްޔަތުން މި މައްސަލަ ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް ވިދާޅުވި އެވެ.
ކުޑަހުވަދޫ ޒުވާނަކު ހާޓްއެޓޭކެއް ޖެހިގެން އިމަޖެންސީގައި މާލެ ފޮނުވަން ޖެހިގެން އެކަމަށް ފްލައިޓެއް ހަމަޖައްސައިދިނުމަށް މަންތާގައި އެދުމުން، އެކަން ހަމަޖައްސައި ނުދިން ކަމަށް ބުނެ ދާލު އެއާޕޯޓު ސަރަހައްދުގައި މިދިޔަ ހޯމަ ދުވަހު ހަވީރުން ފެށިގެން އެ ރަށު ރައްޔިތުން އަންނަނީ މުޒާހަރާކުރަމުންނެވެ.
ދާލު އެއާޕޯޓަށް މިވަގުތު ދަތުރުކުރަމުން އަންނަނީ ހަމަ އެކަނި މަންތާ އެއާއިންނެވެ. ނަމަވެސް މަންތާ އެއާގައި ބޭނުން ކުރާ އޭޓީއާރް މަރުކާގެ ބޯޓަށް ސްޓްރެޗަރުގައި ބަލި މީހުނެއް ނޭރުވެއެވެ. މަންތާއިން ބުނީ އެ ބޯޓުތައް ފަރުމާކޮށްފައި ހުންނަނީ ސްޓްރެޗާ އެރުވޭ ގޮތަށް ނޫން ކަމަށެވެ.
މުޒާހަރާއާ ގުޅިގެން އިއްޔެ އެރަށަށް ދިޔަ ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގައިފައެވެ. އަދި އެކަކު ވަނީ ހައްޔަރުވެސްކޮށްފައެވެ. ނަމަވެސް އޭނާ ވަނީ މިއަދު ދޫކޮށްލައިފައެވެ.
ކުޑަހުވަދޫގައި ރައްޔިތުން ކުރަމުން އަންނަ އިހުތިޖާޖު މިއަދު ހަވީރު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އެ ގޮތުން އެއާޕޯޓު ސަރަހައްދަށް ސައުންޑް ސިސްޓަމް ވަނީ ނެރަފައެވެ. އަދި ރައްޔިތުންގެ ޝުއޫރުތައް ހާމަކުރުމަށް ބޯޑުތަކާއި އެކު މީހުން ނުކުމެ ތިބި އިރު، ގިނަ އަދަދެއްގެ އަންހެނުންވެސް މިއަދު މި އިހުތިޖާޖުގައި ބައިވެރިވަމުން އެބަދެއެވެ.
ދާލު އެއާޕޯޓުގެ ވެރީން މިރޭ ކުޑަހުވަދޫއަށް ވަޑައިގެން ބައްދަލުވުމެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. ރަށުގެ ބައެއް މުއައްސަސާތަކުގެ މީހުންނާއި އިހުތިޖާޖުގެ ބައިވެރީންގެ ތެރެއިން ބައެއް މީހުންނާއެކު ކުރިޔަށް ގެންދިޔަ އެ ބައްދަލުވުމުން ނިމުނު ގޮތެއް އަދި ވަކި ގޮތެއް ނިމުނުކަން އަދި ވަނީ ކަށަވަރު ނުވެފައެވެ.