ރިފާ ހަލީލު
ދ. ކުޑަހުވަދޫ ރައްޔިތުން ކުރަމުން އަންނަ މުޒާހަރާ ހުއްޓާލާނީ މައްސަލަތައް ހައްލުކޮށްދިނުމުން ކަމަށް ބުނެފިއެވެ.
ކުޑަހުވަދޫ ޒުވާނަކު ހާޓްއެޓޭކެއް ޖެހިގެން އިމަޖެންސީގައި މާލެ ފޮނުވަން ޖެހިގެން އެކަމަށް ފްލައިޓެއް ހަމަޖައްސައިދިނުމަށް މަންތާގައި އެދުމުން، އެކަން ހަމަޖައްސައި ނުދިން ކަމަށް ބުނެ ދާލު އެއާޕޯޓު ސަރަހައްދުގައި މިދިޔަ ހޯމަ ދުވަހު ހަވީރުން ފެށިގެން އެ ރަށު ރައްޔިތުން ދިޔައީ މުޒާހަރާކުރަމުންނެވެ.
ދާލު އެއާޕޯޓަށް މިވަގުތު ދަތުރުކުރަމުން އަންނަނީ ހަމަ އެކަނި މަންތާ އެއާއިންނެވެ. ނަމަވެސް މަންތާ އެއާގައި ބޭނުން ކުރާ އޭޓީއާރް މަރުކާގެ ބޯޓަށް ބަލި މީހުނެއް ނޭރުވެއެވެ. މަންތާއިން ބުނީ އެ ބޯޓުތައް ފަރުމާކޮށްފައި ހުންނަނީ ސްޓްރެޗާ އެރުވޭ ގޮތަށް ނޫން ކަމަށެވެ.
ކުޑަހުވަދޫ ރައްޔިތުން ބުނަމުން އަންނަނީ ސްޓްރެޗާގައި ބަލި މީހުން ނުއުފުލޭނަމަ މަންތާ އެއާގެ ބޭނުމެއް ނެތް ކަމަށެވެ.
ކުޑަހުވަދޫ ކައުންސިލް މެންބަރު އައިޝަތު ނަޝީދާ "ވަން" އަށް މިއަދު ވިދާޅުވީ ރައްޔިތުން ތިބީ ދޫ ދޭ ގޮތަކަށް ނޫން ކަމަށެވެ. ރައްޔިތުން ނުނިދާ ހޭލައި ތިބޭތާ ދެ ރޭ ވެއްޖެ ކަމަށާއި އެމީހުން ޑިމާންޑުކުރާ ކަންތައްތައް ކޮށްދިނުމުން ނޫނީ ގެއަށް ނުދާނެ ކަމަށް ބުނަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޝީދާ ވިދާޅުވީ އެ އެއްވުން ރޫޅާލަން އިއްޔެ އެރަށަށް ދިޔަ ފުލުހުން ޕެޕަ ސްޕެރޭ ޖެހި ނަމަވެސް އަދި ވެސް އެއާޕޯޓު ސަރަހައްދުގައި މީހުން އެއްވެ އެބަތިބި ކަމަށެވެ. އަދި އެމީހުން އެއްވެ ތިބީ ބަލި މީހުން ނުއުފުލާ މައްސަލައިގައި މަންތާގެ އިސްވެރިންނާ ބައްދަލުކޮށްފައި ނޫނީ ގެއަށް ނުދިޔުމަށެވެ.
"އެއާޕޯޓަށް ވަންނަން ހުރި ދޮރުތައް ޓިނުޖަހައި އިއްޔެ ބަންދުކުރިނަމަވެސް މިހާރު ޓިނުތައް ނައްޓާލާފަ ވަނީ. ފުލައިޓުތަކުގެ ދަތުރުތައް މިހާރު ކުރިއެކޭވެސް އެއްގޮތަށް ކުރަމުންދަނީ. އެކަމުގަ ނެތް އެއްވެސް ހުރަހެއް. ހަގީގަތަށް ބުނާނަމަ މަންތާގެ އެކަނި މައްސަލައެއް ނޫން. ސަރުކާރުގެވެސް މައްސަލަ. މިދިޔަ ސަރުކާރުގަވެސް މި ސަރުކާރުގަވެސް އިސް ބޭފުޅުންނާއި އަޅުގަނޑުމެން މި މައްސަލަ ހިއްސާކުރިން. ލިބުނު ހައްލެއް ނެތް." އޭނާ ވިދާޅުވިއެވެ.
މި މުޒާހަރާގައި އިސްކޮށް އުޅޭ އެކަކު ކަމަށްވާ މުހައްމަދު ޝިޔާމް އައްބާސް "ވަން" އަށް މިއަދު ބުނީ ސަރުކާރުގެ އެކި އިދާރާތަކުގައްޔާއި މަންތާގެ އިސްވެރިން ގާތު އާދޭސް ކުރާތާ އެތައް އަހަރެއްވެއްޖެ ކަމަށެވެ. ނަމަވެސް މިކަމަށް އެއްވެސް ހައްލެއް ނުލިބުނު ކަމަށެވެ.
ޝިޔާމް ބުނީ މުޒާހަރާ ކުރަނީ އެންމެ މީހަކަށް ދެ މީހަކަށްޓަކައި ނޫން ކަމަށާއި މިއީ ހުރިހާ ރައްޔިތުންގެ ހައްގުގައި ކުރާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ކެތްކޮށްފިން. މަންތާ އެކަނި މިހާރު މިކޮޅަށް އޮޕަރޭޓު މިކުރަނީ. ކުރިން މޯލްޑިވިއަން އިން އޮޕަރޭޓުކުރި. އެކަމަކު ފަހުން ނުކުރޭ. ކީއްވެކަމެއް ބުނާކަށް ނޭނގެ. ވެދާނެ މަންތާއިން ހުއްދަ ނުދެނީކަމަށް. މަންތާގެ ބެލުމުގެ ދަށުގަ އެއާޕޯޓު މިއޮންނަނީ. ދެން އިތުރު ބަޔަކަށް ދަތުރުނުކުރެވޭ ނަމަ މަންތާއިން ޖެހޭނެ ނޫންތޯ އެ މީހުންގެ ފްލައިޓުތަކުގަ ބަލި މީހުން އުފުލޭ ގޮތް ހަދަން. ބަލި މީހާ ގެންދަން ނާންގައޭ އެމީހުން ބުންޏަސް އެއީ ކަނޑައެޅިގެން ދޮގެއް." އޭނާ ބުންޏެވެ.
މުޒާހަރާއާ ގުޅިގެން އިއްޔެ އެރަށަށް ދިޔަ ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގައިފައެވެ. އަދި އެކަކު ވަނީ ހައްޔަރުވެސްކޮށްފައެވެ.
މިކަމާ ގުޅިގެން ޝިޔާމް ބުނީ މުޒާހަރާގެ ބައިވެރިން މަޑުމަޑުން ތިއްބައި ފުލުހުން އެއްވެސް އިންޒާރަކާނުލައި ޕެޕާ ސްޕްރޭ ޖެހި ކަމަށެވެ. އަދި މި މައްސަލަ ވީޑިއޯއާއެކީ ޕޮލިސް އިންޓެގްރިޓީ ކޮމިޓީއަށްވެސް ހުށަހަޅާފައިވާ ކަމަށެވެ. މި ވީޑިއޯ "ވަން" އަށްވެސް ވަނީ ލިބިފައެވެ.
ޝިޔާމް ބުނީ މުޒާހަރާ ހޫނުވީ ފުލުހުން ގާނޫނާ ހިލާފަށް ބާރުގެ ބޭނުން ކުރުމުން ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން މިހަކު ހައްޔަރު ކުރީވެސް ގާނޫނާ ހިލާފަށް ކަމަށާއި އޭނާ ވީތަނެއްވެސް ނޭނގޭ ކަމަށް އެ މީހާ ބުންޏެވެ. އަދި އިއްޔެ ޗާޓަރު ފްލައިޓެއްގައި ގިނަ އަދަދެއްގެ އެސްއޯ ފުލުހުންތަކެއް އެރަށަށް ގޮސްފައިވާ ކަމަށާއި އަދި މިއަދު ލޯންޗުތަކެއްގައިވެސް ފުލުހުންގެ ފައުޖުތަކެއް އެރަށަށް ގޮސްފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ރައްޔިތުން ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށްވެސް ބުންޏެވެ.
އިތުރަށް އެ އޭނާ ބުނީ މިއަދު ހަވީރުގެ ވަގުތެއްގައި މަންތާ އެއާގެ އިސްވެރިޔަކު އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކޮށް މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ދާލު އެއާޕޯޓުގައި ތިބި މަންތާގެ މުވައްޒަފުން ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އިތުރު އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށްވެސް އޭނާ ބުންޏެވެ.