ސަރުކާރުން މިއަހަރު އަލަށް ނަގަން ފެށި ޑިޕާޗާ ޓެކުހުން މިދިޔަ ޖޫން މަހުގެ ނިޔަލަށް 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މީރާއިން މަހުން މަހަށް އާއްމުކުރާ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ޑިޕާޗާ ޓެކުހުން ޖުމުލަ 26 މިލިއަން އެމެރިކާ ޑޮލަރު (400.3 މިލިއަން ރުފިޔާ)ގެ އާމްދަނީއެއް ވަނީ ލިބިފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ޖޫން މަހު އެކަނިވެސް ޑިޕާޗާ ޓެކުހުން ދައުލަތަށް 3.9 މިލިއަން އެމެރިކާ ޑޮލަރު (60 މިލިއަން ރުފިޔާ) ލިބުނެވެ.
ޑިޕާޗާ ޓެކުހަކީ 2016 ވަނަ އަހަރުން ފެށިގެން ނަގަމުން ދިޔަ އެއާޕޯޓް ސާވިސް ޗާޖު (އޭޑީސީ) ނެގުން ހުއްޓާލައި އޭގެ ބަދަލުގައި ނަގަން ފެށި ޓެކުހެކެވެ. އޭޑީސީ ނަގަމުން ދިޔައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ މީހުންގެ އަތުން އެކަންޏެވެ. ނަމަވެސް އަލަށް ނަގަން ފެށި ޑިޕާޗާ ޓެކްސް، ރާއްޖޭގެ އެހެން އެއާޕޯޓަކުން ބޭރަށް ފުރި ނަމަވެސް ނަގާނެއެވެ.
ޑިޕާޗާ ޓެކުހުގެ ގޮތުގައި މި އަހަރު 769 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ. އަދި އަންނަ އަހަރު 874 މިލިއަން ރުފިޔާ، 2024 ވަނަ އަހަރު 960 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.