ރާއްޖޭގެ އިންފްލޭޝަން ރޭޓް، ފާއިތުވި ހަތް އަހަރު ތެރޭގައި ނުދާހާ މައްޗަށް ގޮސް 5.2 ޕަސެންޓަށް އުފުލިއްޖެއެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އިއްޔެ އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މެއި މަހާ ހަމައަށް ރާއްޖޭ އިންފްލޭޝަން ރޭޓު ހުރީ 2.5 ޕަސެންޓުގައެވެ. ނަމަވެސް ޖޫން މަސް ނިމުނުއިރު އެ އަދަދު ވަނީ 5.2 ޕަސެންޓަށް އުފުލިފައެވެ. އެއީ މެއި މަހާ އަޅާބަލައި އިރު، 2.7 ޕަސެންޓުގެ މަތިވުމެކެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި ހަތް އަހަރާ އަޅާބަލައި އިރުވެސް ރާއްޖޭގެ އިންފްލޭޝަން މިހާ މައްޗަށް ދިޔަ މިއީ ފުރަތަމަ ފަހަރެވެ. މިދިޔަ ހަތް އަހަރު ތެރޭގައި މީގެ ކުރިން ރާއްޖޭގެ އިންފްލޭޝަން އެންމެ މަތިވެފައި ވަނީ 2017 ވަނަ އަހަރެވެ. އެ އަހަރުގެ މާޗް، އޭޕްރީލް އަދި މެއި މަހު އިންފްލޭޝަން ރޭޓު ހުރީ 4.2 ޕަސެންޓަށްވުރެ މަތީގައެވެ.
އޭގެ ފަހުން އިންފްލޭޝަން މަތިވެފައި ވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. އެ ފަހަރު އިންފްލޭޝަން ރޭޓު 3.3 ޕަސެންޓަށް އުފުލުނު ނަމަވެސް މި އަހަރު ފެށުނުއިރު، ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 0.2 ޕަސެންޓުގައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖޫން މަހު އެންމެ ބޮޑަށް އަގު އުފުލިފައި ވަނީ، ކުއްޔާއި ޔުޓިލިޓީ ހިދުމަތް ތަކުންނާއި ތެޔޮ އަދި ދަތުރުފަތުރުގެ ބައިންނެވެ.
އެމްއެމްއޭ އިން ކުރިން ލަފާކޮށްފައިވާ ގޮތުން ދުނިޔޭގެ ބާޒާރުގައި ބޮޑުވަމުން އަންނަ ތެލުގެ އަގާއެކު މި އަހަރު ރާއްޖޭގެ އިންފްލޭޝަން އިތުރުވާނީ ތިން ޕަސެންޓަށެވެ. އަދި އިންފްލޭޝަންގެ ސަބަބުން ތަކެތި އިމްޕޯޓްކުރުމަށް ހިނގާ ހަރަދު ބޮޑުވެ ރާއްޖޭގެ ނެޝެނަލް ރިޒާވް ދަށްވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
ގަވަރުނަރު އަލީ ހާޝިމް ވެސް ލަފާކުރައްވަނީ އަންނަ އަހަރާ ހަމައަށް ރާއްޖޭގައި އިންފްލޭޝަންގެ ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އިންފްލޭޝަން ބޮޑުވުމަކީ މިވަގުތު އެންމެ ބޮޑު ކަންބޮޑުވުން ކަމަށާއި ހާއްސަ ގޮތެއްގައި ކާބޯތަކެތީގެ އަގުތައް ބޮޑުވުމަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށް ހާޝިމް ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައެވެ.