ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހދ. ނޭކުރެންދޫ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ނޭކުރެންދޫގެ މިހާރުގެ ހާލަތާއި އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ.
އެގޮތުން ރަށުގައި ބައެއް އަސާސީ ޚިދުމަތްތައް ފުރިހަމަވެފައި ނެތުމުން ދިމާވަމުންދާ ދަތިތަކާއި އުމްރާނީ ވަސީލަތްތައް މަދުވުމުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާ ކުރެއްވިއެވެ. އަދި އެ ސަބަބުތަކާހުރެ ނޭކުރެންދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ރަށުން ބޭރަށް ހިޖުރަ ކުރަމުންދާކަން ފާހަގަ ކުރައްވައި، އެކަމުގެ ކަންބޮޑުވުން ކައުންސިލް މެންބަރުން ފާޅުކުރެއްވިއެވެ.
މީގެ އިތުރުން ކައުންސިލުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި މުވައްޒަފުންގެ ދަތިކަން ކުރިމަތިވަމުންދާކަންވެސް ނޭކުރެންދޫ ކައުންސިލުން ފާހަގަ ކުރެއްވިއެވެ. އަދި ޒުވާނުންނަށް އާމްދަނީ ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ރަށުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ މުހިންމު ކަމާއި ކުޅިވަރު ކުޅޭނެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން އެފަދަ ވަސީލަތްތައް ގާއިމު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ކައުންސިލް މެންބަރުން ވާހަކަ ދެއްކެވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.