ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނ. ލަންދޫ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްގީއަށް ރާވައިފައިވާ މަސައްކަތްތަކާއި، ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.
އެގޮތުން ކައުންސިލު މެންބަރުން ދެއްކެވި ވާހަކައިގައި ރަށުގެ ބަނދަރުގެ ދަތިކަމާއި މިސްކިތުގެ ޖާގައިގެ ދަތިކަން ފާހަގަކުރެއްވިއެވެ. އަދި މިވަގުތަށް އެންމެ ބޭނުންވަނީ ބަނދަރުގެ ދަތިކަން ހައްލުކޮށްދެއްވުމާއި ޒަމާނީ ފެންވަރުގެ މިސްކިތެއް ރަށުގައި ބިނާކުރުން ކަމަށް ކައުންސިލް މެންބަރުން ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ލަންދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
އަދި މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.