އިންޓަރނޭޝަނަލް ޑޭ އޮފް ދަ ގާރލް ޗައިލްޑް ފާހަގަ ކުރުމުގެ ގޮތުން ވިމެން އޮން ބޯރޑްސް (ވޮބް) އިން "ގާރލް ޗައިލްޑް އެމްބަސަޑަރ" އެއް އައްޔަން ކޮށްފި އެވެ.
ވޮބްގެ "ގާރލް ޗައިލްޑް އެމްބަސަޑަރ" އަކަށް އައްޔަންކޮށްފައި ވަނީ ކަލާފާނު ސްކޫލު ގްރޭޑް އަށެއްގެ ދަރިވަރެއް ކަމަށްވާ ރިކްޒާ އާލް އަހުމަދު އަޒީލް (އާލް) އެވެ.
ކަލާފާނު ސްކޫލުގައި މިއަދު ހެނދުނު އޮތް އެސެމްބްލީގައި އާލް އަށް ސޭޝް އާއި ޓިއާރާ އަޅުއްވައިދެއްވީ ވޮބްގެ ބޯޑް މެމްބަރު އަލްފާޟިލާ ނޫރާ އިބްރާހީމް ޒާހިރުއެވެ. އަދި "ގާރލް ޗައިލްޑް އެމްބެސެޑަރ" ސެޓްފިކެޓް ހަވާލު ކޮށްދެއްވީ ވޮބްގެ ހެޑް އޮފް މެނޭޖްމަންޓް އެންޑް މާކެޓިން އަލްފާޟިލާ ޒުލައިހާ ފަހީމެވެ. މި އެސެމްބްލީގައި ސްކޫލުގެ ޕްރިންސިޕަލް އާއި އިސްވެރިން އަދި ޓީޗަރުންނާއި ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
އެމްބެސަޑަރު ކަން ލިބުމުން އާލް މަސައްކަތް ކުރާނީ ވޮބްގެ ވޮލަންޓިއަރެއްގެ ގޮތުގައި އެހެން ކުދިންނަށް ނަމޫނާ ދައްކައިގެން ކަމަށް ވޮބްއިން ވަނީ ބުނެފައެވެ. އާލް އަކީ ކަލާފާނު ސްކޫލުގައި ރަން ވަަނަތަކެއް ހާސިލް ކުރަމުން އަންނަ ހަރަކާތްތެރި ހުނަރުވެރި ދަރިވަރެއް ކަމަށް ވެސް ވޮބް އިން ފާހަގަ ކުރިއެވެ.
ޖެންޑަރ ޑައިވަރސިޓީ އާއި، ގަވަރނަންސް އާއި، އަންހެނުން ބާރުވެރިކުރުމުގެ ޕްރޮގްރާމް ތަކާއި، އަދި އިޖްތިމާއީ މަސައްކަތަށް ދަރިވަރުންގެ ލޯބި ޖެއްސުމާއި ޝައުގުވެރިކަން އާލާކުރުމާއި، ޅަފަތުގައި ޤައުމުގެ ތަރައްޤީގައި ކުދިން ބައިވެރިކޮށް ވަޒީފާގެ މައިދާނަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމަކީ މުހިއްމު ކަމެއް ކަމުގައި ވޮބް އަދި ކަލާފާނު ސްކޫލުގެ މެނޭޖްމަންޓް އިން ދެކޭ ކަމަށް އެފަރާތުން ވަނީ ފާހަގަ ކޮށްފައެވެ.