ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ކުއްލި ގޮތަކަށް މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރު "ވަން އޮންލައިން"އަށް ވިދާޅުވީ މިއަދު އިރުއޮއްސި 6:30 ހާއިރު ރައީސް ޔާމީން ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.
ރައީސް ޔާމީން އައިޖީއެމްއެޗްއަށް ގެނެސްފައިވަނީ ހިތުގެ ޑޮކްޓަރަކަށް ދެއްކުމަށް ޖަލުގެ ޑޮކްޓަރު ލަފާ ދިނުމުން ކަމަށާއި މިހާރު ރައީސް ޔާމީން އޮންނެވީ 24 ގަޑިއިރަށް އެޑްމިޓްކޮށްފައި ކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ރައީސް ޔާމީން، އައިޖީއެމްއެޗްއަށް ގެންދިއުމުގެ ކުރިން އެމަނިފާނުގެ ވަކީލުންނާއި އާއިލާއަށް ވަނީ އަންގައިފައެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އަހްމަދު ލުގުމާން "ވަން އޮންލައިން"އަށް ވިދާޅުވީ ރައީސް ޔާމީން އައިޖީއެމްއެޗްއަށް ގެންދެވިފައިވަނީ ހިތުގެ ހާއްސަ ޑޮކްޓަރަކަށް ދައްކައިދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވުމުން ކަމަށެވެ.
ނިމިގެންދިޔަ މަހުގެ 20 ވަނަ ދުވަހު ވެސް ރައީސް ޔާމީނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ގެންދެވުނެވެ. އެ ފަހަރު ވެސް ހިތުގެ ޑޮކްޓަރަކަށް ދެއްކުމަށް ފަހު، ރައީސް ޔާމީން ދޫކޮށްލާފައިވަނީ 24 ގަޑިއިރަށް އެޑްމިޓް ކުރުމަށްފަހުއެވެ.