ޝަހީދާ އަބްދުﷲ ސައީދު
ވައިގެ މަގުން އިންޑިއާއިން ރާއްޖެއަށް ބުދު އެތެރެކުރި މީހުން ބުދުތައް ހިފައިގެން މިއަދު ފުރާފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.
ކަސްޓަމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާއިން ރާއްޖެއަށް އެތެރެކުރަން އުޅުނު ބުދުތައް ކަސްޓަމުން ރޭގެ ވަގުތެއްގައި ހިފަހައްޓާފައިވާ ކަމަށާއި އެތަކެތި އެތެރެކުރަން އުޅުނީ ތިން އަންހެނަކާއި ފިރިހެނެއް ކަމަށެވެ.
އަދި ހިފަހައްޓައިފައިވާ ބުދުތަކުގެ ތެރޭގައި އެކި ސައިޒުގެ 28 ބުދު ހިމެނޭ ކަމަށް ކަސްޓަމުން ބުންޏެވެ.
ކަސްޓަމުގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެއިން ބޭރު ފަރާތްތައް ރާއްޖެ އަންނައިރު އެމީހުން ގެންނަ ތަކެތީގެ ތެރޭގައި ހިމެނޭ، ރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ނުދެވޭ ތަކެތި، އެމީހުން ރާއްޖެއިން ފުރައިގެން ދާއިރު އަނބުރާ ގެންދަން ބޭނުންވެއްޖެ ހާލަތެއްގައި އަނބުރާ ގެންދިއުމުގެ ފުރުސަތު އެފަރާތްތަކަށް ކަސްޓަމްސްގެ އާންމު ގަވައިދުގެ ދަށުން ލިބިގެންދާނެ ކަމަށެވެ.
އަޅުކަންކުރަން ގެންގުޅޭ ބުދަކީ ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހި ރާއްޖެއަށް އެތެރެކުރުން މަނާ އެއްޗެކެވެ.
ރޭ އަށެއް ޖަހާކަށްހާއިރު ކަސްޓަމުން ހިފެހެއްޓި ބުދުތަކާ ގުޅޭ ގޮތުން ކަސްޓަމްސްގެ މީޑިއާ އޮފިސަރު އައިޝަތު ވިލިނީ "ވަން އޮންލައިން"އަށް ވިދާޅުވެފައިވަނީ ރާއްޖެ އެތެރެކުރި 28 ބުދުގެތެރޭގައި 27 ކުދި ބުދާއި އެއް ބޮޑު ބުދު ހިމެނޭ ކަމަށެވެ.