އަލީ ޔާމިން
މާލޭގެ ރަށްވެހިންނަށް އެކަނި ގޯއްޗަށް ކުރިމަތިލެވޭތީ، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން "ރާއްޖެ ތެރޭ" މީހުންގެ ނަމުގައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެއިން، 1،000 ގޯތި ދޫކުރަނީ އެއްވެސް އިރެއްގައި މާލެ ނޫން ތަނެއްގައި ރަޖިސްޓްރީވެފައި ނުވާ މާލޭ މީހުންނަށެވެ.
އެކަމާ ކަންބޮޑުވުން ފާޅުކޮށް ސޮއިކުރަން ފެށި ޕެޓިޝަނުގައި ވަނީ މާލޭގައި އަތޮޅުތެރޭގެ އެތައް ބައެއްވެސް ދިރިއުޅެމުން އަންނައިރު، އެމީހުންނަށް ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ނެތުމަކީ ސަރުކާރުން އަތޮޅުތަރޭގެ މީހުންނާމެދު ގެންގުޅޭ ތަފާތުކުރުމެއް ކަމަށެވެ.
އެ ޕެޓިޝަނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ސަރުކާރުން ހަމައެކަނި މާލޭ މީހުންނަށް ގޯތި ދޭން ނިންމި ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށެވެ.
އެ ޕެޓިޝަނުގައި މިހާތަނަށް 500 ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.
ސަރުކާރުން ގޯތި ދޫކުރަން ނިންމާފައިވާ އެންމެ ކުޑަ ސައިޒަކީ 1،250 އަކަފޫޓެވެ. ނަމަވެސް ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުވާނެއެވެ. އެގޮތުން އެންމެ ގިނަވެގެން ކުރިމަތިލެވޭނީ ހަތް މީހުންނަށެވެ. އެއަށްވުރެ ގިނަ މީހުން ކުރިމަތިލިޔަސް ލިބޭނީ 4،000 އަކަފޫޓުގެ ގޯއްޗެކެވެ.