"ހިޔާ" މަޝްރޫއާއި "ގެދޮރުވެރިކުރުވުން" މަޝްރޫއާއި "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި އެ މަޝްރޫއުތަކުގެ ދަށުން ފްލެޓްތައް ދޫކޮށްފައިވާ ގޮތާ މެދު ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދޭގޮތުގައި މިއަދުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހުގެ 2:00ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ޝަކުވާ ހުށަހެޅުމުގެ ފުރުސަތުގައި ސިޓީ، އީމެއިލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅުއްވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން މައުލޫމާތު ދޭގޮތުގައި "ހިޔާ" މަޝްރޫއާއި "ގެދޮރުވެރިކުރުވުން" މަޝްރޫއާއި "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް" ގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތައް އެނގޭނެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގެ ޑައުންލޯޑްސް، https://presidency.gov.mv/Downloads/dv/47 އިން ޑައުންލޯޑް ކުރެވޭނެއެވެ.