އިބްރާހިމް ޒަކީ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި، ބައެއް ފަރާތްތަކުން ހަދިޔާ އާއި ރިޝްވަތު ދެމުން ގެންދާކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑީވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެކަންކަން ފާހަގަ ވެފައިވަނީ، އެކޮމިޝަނުން ކުރިއަށްގެންގޮސްފައިވާ މީޑިއާ މޮނިޓަރިންގެ ތެރޭގައެވެ.
އެގޮތުން ބައެއް ކެނޑިޑޭޓުންގެ އިންތިހާބީ ހައްގަށް އަސަރުކޮށްފާނެ ފަދަ ކަންކަން ކުރުމާއި، އެންޓި ކެމްޕެއިން ކުރުމާއި، ބައެއް ކެނޑިޑޭޓުންގެ އަބުރަށް ބުރޫއަރާނެ ފަދަ ގޮތްގޮތަށް އެ ކެނޑިޑޭޓުންގެ ޒާތީ ކަންކަމަށް ފާޑު ކިޔަމުންދާކަމަށްވެސް އެޗްއާރުސީއެމް އިން ވަނީ ބުނެފަ އެވެ.
ކޮމިޝަނުން ބުނީ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެޗްއާރުސީއެމުން ބުނީ، އިންތިހާބު އޮބްޒާވް ކުރުމުގައި ފާހަގަ ކުރެވިފައިވާ ކަންތައްތަކާބެހޭގޮތުން ކަމާ ގުޅުންހުރި އިދާރާތަކާއި ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ގިނަ އަދަދެއްގެ ކެނޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި، އިންތިހާބީ ގާނޫނުތަކަށް އިހުތިރާމް ކުރުމަށާއި އެންޓި ކެމްޕެއިން ނުކުރުމާއި ވޯޓަށް ނުފޫޒު ފޯރުމުން އެއްކިބާ ވުމާއި އެއްވެސް ކެނޑިޑޭޓަކަށް ފުރައްސާރަކޮށް އެފަރާތްތަކުގެ އަބުރު ގެއްލޭފަދަ ކަންކަން ނުކުރުމަށް އެޗްއާރުސީއެމް އިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި މުޖުތަމައުގައި ރުޅިވެރިކަމާއި ފިތުނަ ފަސާދަ އުފެދި އާއްްމު މަސްލަހަތު ގެއްލޭގޮތަށް ކެމްޕެއިން ކުރުމުގެ އެއްވެސް ހަރަކާތެއް ނުހިިންގުމަށް ސިޔާސީ ޕާޓީތަކާއި އަމިއްލަ ކެނޑިޑޭޓުންނާއި އެންމެހާ ފަރާތްތަކަށް އެޗްއާރުސީއެމްއިން ވަނީ އިލްތިމާސް ކޮށްފައެވެ.