ރައީސުލްޖުމްހޫއްޔާ ކަމުގައިވީ ނަމަވެސް އެހާ ހުތުރުކޮށް، ކުޑަކުއްޖެއްހެން ނޫޅުއްވުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ޒާތީ މައްސަލަތައް އެއް ފަރާތްކޮށް، ގައުމު ކުރިއަރުވާ، ގައުމުގެ ރައްޔިތުން ނިންމި ނިންމުމާ އެއްގޮތަށް ގެންދެވުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ގޮވާލައްވާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ކަމުގައިވީ ނަމަވެސް، އެހާ ހުތުރުކޮށް ނޫޅުއްވާ، ކުޑަކުއްޖެއްހެން ނޫޅުއްވާ، ޒާތީ މައްސަލަތައް އެއް ފަރާތަށް ޖައްސާލައްވައި، ގައުމު ކުރިއަރުވާ، ގައުމުގެ ރައްޔިތުން ނިންމި ނިންމުމާ އެއްގޮތަށް ގެންދެވުމަށް އަޅުގަނޑުމެން ގޮވާލަން،" އޭނާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ރާއްޖޭގެ ކޯޓަކުން ރައްޔިތުން ނިންމި ނިންމުމަށް އިހުތިރާމްކަން ކުޑަކޮށް ކަންކުރައްވާނެ ކަމަށް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި މާރިޔާ ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކާ ކަންކަމުގައި ވެސް ވާހަކަދައްކަވައިފައެވެ.
"އެކަމުގައި ވެސް އުސޫލާއި ހަމައެއްނެތި ކަންކަން ދާ ވާހަކަ އަޅުގަނޑުމެންނަށް މި އިވިގެންދަނީ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އަންގަވައިފި އެކަން ހުއްޓާލުމަށް. އަދި ދެވަނަ ފަހަރަށް ވިދާޅުވެއްޖެ ކޯޓަށް ގޮސްގެން ނަމަވެސް މިކަން ހުއްޓުވާލާނަމޭ. އަދި އެންމެ ކަންބޮޑުވާ އެއް ވާހަކައަކަށް މި އިވެނީ އެކަމާ ކަންބޮޑުވެގެން އޭސީސީއަށް ހައުސިން މިނިސްޓްރީގެ މުވައްޒަފުން ވެސް ހިނގައްޖެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ސަރުކާރުން މިހާރު ކަންކަން ކުރަމުންގެންދަނީ ސަރުކާރު ހިންގާ ގޮތަށް ނޫންކަން ރައްޔިތުން ގަބޫލުކުރާނެ ކަމަށާއި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދުވެ ވަޑައިގެންވާ ގޮތަށް ފަސް އަހަރުގެ ތެރޭގައި ގޯތިގެދޮރު އަދި ފްލެޓް ބޭނުންވާ އެންމެންނަށް އެ އޮންނަ އުސޫލާއި ހަމައިގެ ތެރެއިން ފްލެޓާއި ގޯތި ލިބޭނެ ކަމަށެވެ.
އިންތިހާބު ބާތިލްކުރުމަށް ރައީސް ޔާމީން ވަނީ އިއްޔެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހަޅައިފައެވެ. އެ މައްސަލައަށް އަންނަ ހޮނިހިރު ދުވަހަށް ލިޔުމުން ޖަވާބުދާރީވުމަށް އިލެކްޝަންސް ކޮމިޝަނަށް ސުޕްރީމް ކޯޓުން މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް އަންގައިފައެވެ.
ނިމިގެންދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއަށް ފަހު، ރައީސް ޔާމީން ވަނީ ބަލިގަބޫލުކުރައްވައިފައެވެ. ނަމަވެސް ދާއިމީ ނަތީޖާއަށް ފަހު ޕީޕީއެމްއިން ދަނީ ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. ދާއިމީ ނަތީޖާއަށްފަހު ޕީޕީއެމްއިން ބާއްވާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ފުރަތަމަ މުޒާހަރާގައި ރައީސް ޔާމީން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.