ދެކުނު އޭޝިއާގެ ސަރަހައްދުގައި އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމުވާނީ ޕާކިސްތާނުން ޓެރަރިޒަމާ ދެކޮޅަށް އާ ސަފްހާއެއް ހުޅުވައިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ ދެކުނު އޭޝިއާގެ ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރުމަށް ޕާކިސްތާނުގެ ޓެރިޓަރީގައި ހަރަކާތްތެރިވާ ޓެރަރ ގްރޫޕުތަކާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ޕާކިސްތާނާއި އިންޑިއާގެ ދެމެދުގައި ހަމަނުޖެހުން އިތުރުވެ ދެގައުމުން ވަނީ އެއް ގައުމު އަނެއް ގައުމަށް އަސްކަރީ ހަމަލާތަކެއް ދީފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ދެގައުމުން ދިން ހަމަލައިގައި ވަނީ އަށަކަށްވުރެ ގިނަ މީހުން މަރުވެފައެވެ. އޭގެ ކުރީން ޕާކިސްތާނުން ވަނީ އިންޑިއާގެ އަސްކަރީ ޖެޓެއް ވައްޓާލައި ޕައިލެޓެއްވެސް އަތުލައިގެންފައެވެ. އެހެންނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ޕާކިސްތާނުން ވަނީ އެ ޕައިލެޓު ދޫކޮށްލައިފައެވެ.