މާލޭގެ މިސްކިތަކުން ވައްކަން ކުރަން އުޅުނު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭގެ މިސްކިތްތައް ބެލެހެއްޓުމަށް ސިޓީ ކައުންސިލުން ގާއިމްކޮށްފައިވާ ސީސީޓީވީ ނިޒާމުގެ އެހީގައި ރޭގެ ވަގުތެއްގައި ޖަލާލުއްދީން މިސްކިތުން ވައްކަންކުރަން އުޅުނު ދެ މީހަކު ހުއްޓުވާފައިވާ ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެ ދެ މީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.
މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން ސިޓީ ކައުންސިލުން ވަނީ، މާލެ އާއި ވިލިމާލެ ހިމެނޭ ގޮތަށް ޖުމްލަ 39 މިސްކިތެއްގައި ކެމެރާ ހަރުކޮށްފައެވެ. ސިޓީ ކައުންސިލްގެ މުވައްޒަފުން ދަނީ 24 ގަޑިއިރު އެ ކެމެރާތައް މޮނިޓާ ކުރަމުންނެވެ.