ޔޯގާއަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއް ކަމަށް ރާއްޖޭގެ 100 އަށްވުރެ ގިނަ ޝެއިހުން ވެގެން ފަތުވާއެއް ނެރެފިއެވެ.
އިލްމުވެރިންގެ ގުޅުމުން މިއަދު ނެރުނު މި ފަތުވާފައި 104 އިލްމުވެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ.
ޔޯގާއާ ބެހޭގޮތުން އިސްލާމީ އުއްމަތުގެ އިލްމުވެރިން އެކަންކަން ދިރާސާ ކުރެއްވުމަށް ފަހު ދެއްވާފައިވާ ފަތުވާތަކުގެ ހަގީގަތްތަކަށް ބައްލަވައި، ފިގުހު އިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތް ހާމަކޮށް ނެރެފައިވާ ފަތުވާގައި ބުނަނީ، ހިންދޫންގެ ދީނީ ކަންކަމުގައި ޔޯގާގެ ނަން ބޭނުން ކުރަނީ އިންސާނާ އިލާހާ ގުޅުވާލައި އޭނާގެ ނަފުސު އިލާހިއްޔަތަށް ބަދަލުކުރުން، ނުވަތަ އިލާހީ ހިކުމަތަށް އޭނާ ވާސިލުވުން ކަމުގައެވެ.
އެހެންކަމުން ހިންދޫންގެ ގާތުގައި ޔޯގާގެ ހަރަކާތްތަކަކީ ރޫހާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުރެވޭ ދީނީ މުގައްދަސް ހަރަކާތްތަކެއް ކަމަށާއި އެގޮތުން މީހާގެ އެތެރެފުށުގެ އީމާންކަމާއި ރޫޙާނީ ބައި ހިމެނޭ ފިކުރީ ބަޔާއި ބޭރު ފުށަށް ފެންނަ އަމަލީ ބަޔާއި މައިގަނޑު ދެ ބައި ޔޯގާގައި އޮންނަ ކަމަށްވެސް ބުނެފައިވެއެވެ.
ހިންދޫންނާއި ބުޑީސްޓުން ދެކޭ ގޮތުގައި ޔޯގާ ބިނާ ވަނީ ހަށިގަނޑު ބާރާއި ނަފުސާނީ ބާރާއި ސިކުނޑީގެ ބާރާއި މި ތިން އަސާސްގެ މައްޗަށާއި ޔޯގާގެ ފަސްބައި ފުރިހަމަވުމުން އެމީހާ އެވަނީ ބަލިވުމާއި މުސްކުޅިވުމާއި މަރުވުމުން ސަލާމަތްވެފައި ކަމަށްވެސް ބުނެފައިވެއެވެ.
ހަމައެއާއެކު ޔޯގާ ހަދަންޖެހޭ ކަމަށް ބުދު ދީނުގެ އަހުލުވެރީންނާއި އެ އަގީދާގެ އިސް މީހުން ދެކެނީ، އިންސާނާގެ ރޫޙު ނެތި ފަނާވެ ދިއުމުން ސަލާމަތް ކޮށްދެނީ، އެއް ހަށިގަނޑުން އަނެއް ހަށިގަނޑަށް އެ ރޫހު ބަދަލުވެގެން ކަމަށް ބަލައިގެން ކަމަށާއި ޔޯގާއަކީ ރޫހު އެހެން ހަށިގަނޑަކަށް ބަދަލުވުމުގެ ތަމްރީނެއްގެ ގޮތުގައި އެމީހުން ދެކޭ ކަމަށް ފަތުވާގައިވެއެވެ.
ކަސްރަތަކަށް ބަލާ ނަމަ އާއްމުކޮށް، ކޮށްއުޅޭ ކަސްރަތުތަކާ އަޅާބަލައި އިރު، ޔޯގާއަކީ ހަށިގަނޑުގެ ކަސްރަތު ފުރިހަމައަށް ލިއްބައިދޭ ކަމެއް ނޫންކަން ކަސްރަތުގެ މާހިރުން ފާހަގަކުރާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ހަށިގަނޑުގެ ދުޅަހެޔޮކަމަށް ކަސްރަތު ކުރާ ނަމަ އެހެންކަންކަން ކުރުން މާރަނގަޅު ކަމަށްވެސް ބުނެފައިވެއެވެ. އަދި އެގޮތަށް ބަލައި އިރުވެސް ޔޯގާގެ އަސާސް ކަމުގައިވާ ހަށީގަނޑާއި ސިކުނޑި އާއި ނަފުސު، އިލާހާ ގުޅުމުގެ ބޭނުމަށް ކުރެވޭ ހަރަކާތްތަކެއްގެ ގޮތަށް ނޫން ގޮތަކަށް ޔޯގާކުރުމުގެ ބޭނުމެއް އޮންނާނެ ކަމަށް ނުބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ.
ކަސްރަތުގެ ނަމުގައި ޔޯގާ ތައާރަފުކުރުމުގައި ބުދުދީނުގެ އަހުލުވެރިންނާއި ހިންދޫންގެ މަގުސަދަކީ ޔޯގާ މެދުވެރިކޮށް އެ މީހުންގެ ދީނަށް މީސްތަކުން ލޯބި ޖެއްސުން ކަމަށާއި އެ ދީނަށް މީސްތަކުން ވެއްދުމަށް ރޭވުންތެރި، ހަމަހިމޭން ދައުވަތެއް ދިނުމާއި ރީތި ނަމެއްގައި ރަނގަޅު ޝިއާރުތަކެއްގެ ދަށުން ބުދު ދީނާއި ހިންދޫން ދިން ކުރިއެރުވުން ކަމަށް ބުނެ އެކަމާބެހޭ ތަފުސީލްތައްވެސް އެ ފަތުވާފައި ހާމަކޮށްފައިވެއެވެ.