ޚަބަރު

ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއް ކަމަށް ކަނޑައަޅާބިލު މަޖިލީހަށް ބަލައިގެންފި

އިބްރާހިމް ޒަކީ

ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއް ކަމަށް ކަނޑައަޅައި، ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ގައުމީ ސަލާމަތު ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ހުށަހެޅުއްވި މިބިލަށް ކުރިއަށްދިޔަ އިބްތިދާއީ ބަހުސްނިމި މަޖިލީހަށް ބިލު ބަލައިގަންނަން ފެނޭތޯ މިއަދުގެ ޖަލްސާގައި ވޯޓަށް އެއްސެވުމުން، މަޖިލީހަށް ބިލް ބަލައިގެންފައިވަނީ އެވަގުތު ޖަލްސާގައި ތިއްބެވި 55 މެންބަރުންގެ ތެރެއިން 54 މެންބަރުން ވޯޓުދެއްވައިގެނެވެ.

މިބިލް މަޖިލީހަށް ބަލައި ގަތުމަށް ފާސްކުރުމުން، ބިލް އިތުރަށް ދިރާސާކުރުމަށް ގައުމީ ސަލާމަތު ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރެއްވީ ރިޔާސަތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްއެވެ.

މި ބިލުގައިވާގޮތުން، ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި، ހުއްޓައި ލިބޭ، ނުވަތަ ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ވަޒީފާ އަދާކުރިިއިރު ލިބުނު އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމުކޮށް ދެމެހެއްޓުމަކީ ކުށެކެވެ. އަދި އެފަދަ ގޮތަކަށް ހުރެ ލިބޭ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާ އާއި އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި މިލްކުކޮށްފައި ވުމަކީ ވެސް ކުށެކެވެ.

އަދި އެފަދަ މުދާ ދައުލަތަށް ނެގޭނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފައެވެ.

މި އިސްލާހުގައިވާގޮތުން ކުށް ކުރީ ރައީސެއް ނުވަތަ ވަޒީރެއް ނުވަތަ ރައްޔިތުންގެ މަޖިލިހުގެ މެންބަރެއް އަދި ފަނޑިޔާރެއްގެ މަގާމެއްގައި ހުރި ބޭފުޅަކު ނަމަ، އެ ކުށަކީ ޖިނާޔަތުގެ ދެ ވަނަ ދަރަޖައިގެ ކުށެކެވެ.

ކުށް ސާބިތުވެއްޖެ ނަމަ، އެންމެ ގިނަވެގެން ދެވޭނީ 15 އަހަރުގެ ޖަލު ހުކުމެކެވެ. އަދި އެންމެ ކުޑަ އަދަބެއްގެ ގޮތުގައި ދެވޭނެކަމަށް ކަނޑައަޅާފައިވަނީ އެއް އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

ރައީސާއި ވަޒީރުންނާއި މަޖިލިހުގެ މެންބަރުންނާއި ފަނޑިޔާރުން ފިޔަވައި ދެން ތިބި މީހުން ކުށް ކުރާ ހާލަތްތަކުގައި އެއީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

އެހެންކަމުން އެކުށް ސާބިތުވެއްޖެ ނަމަ، އެންމެ ގިނަވެގެން އަށް އަހަރުގެ ޖަލު ހުކުމެއް ކުރެވޭގޮތަށް، އަދި އެންމެ ކުޑަ އަދަބެއްގެ ގޮތުގައި ނުވަ މަހާއި 18 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވޭ ގޮތަށް ބިލްގައި ވަނީ ކަނޑައަޅައިފަ އެވެ.