ޚަބަރު

ވޯޓު ކަރުދާހުގައި ކުރަހައިފިނަމަ، ވޯޓު ބާތިލްވާނެކަމަށް ފާސްކޮށްފި

އިބްރާހިމް ޒަކީ

އިންތިހާބު ތަކުގައި ވޯޓް ލުމަށް ބޭނުންކުރާ ވޯޓް ކަރުދާހުގައި ޖަހަން ޖެހޭ ފާހަގައިގެ އިތުރުން އެހެން އެއްވެސް ކުރެހުމެއް ކުރަހައި، ލިޔެ ހަދައިފިނަމަ އެ ވޯޓެއް ބާތިލްވާގޮތަށް އިންތިހާބާބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ޕީޕީއެމްގެ ފަރާތުން، ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި މިބިލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސް ކޮށްފައިވަނީ، އެވަގުތު ޖަލްސާގައި ތިއްބެވި 55 މެންބަރުންގެ ތެރެއިނިް 53 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި އިސްލާހުގައިވާ ގޮތުން، ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެނޑިޑޭޓެއްގެ ނަމާ ދިމާލުގައި، ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާނަމަ، ނުވަތަ ލިޔުމެއް ލިޔެ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ނަމަ އެވޯޓެއް ބާތިލް ވާނެ އެވެ.

މިބިލަށް އަމަލު ކުރަން ފަށާނީ، ބިލް ފާސްވެ، ރައީސް ތަސްދީގު ކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށްވެސް ބިލްގައި ބުނެފައިވެ އެވެ.

މި ބިލް މަޖިލީހަށް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވަނީ ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން ވޯޓުދޭ ފަރާތް އެނގޭނެހެން އިތުރު އެހެން ފާހަގަ ޖަހައި ނުވަތަ ކުރަހާފައި ހުންނާތީ ވޯޓު ދިން މީހާގެ ސިއްރުކަން ގެއްލޭ ހާލަތްތައް މެދުވެރިވުމެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން މި އިސްލާހު ފާސްކޮށްފައި މިވަނީ ސަރުކާރަށް ނިސްބަތްވާ ބޭފުޅުން، މި ދަނޑިވަޅުގައި އިންތިހާބާހެގޭ ގާނޫނަށް އިސްލާހު ގެންނާތީ ފާޑު ވިދާޅުވަމުން ގެންދަވަނިކޮށެވެ.

އެ މެންބަރުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި ވަނިކޮށް އިންތިހާބާބެހޭ ގާނޫނަކަށް ބަދަލު ގެނައުމަކީ އިންތިހާބަށް ނުފޫޒު ފޯވުމަށް ކުރެވޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށެވެ.

ނަމަވެސް އެ މެންބަރުން މި އިސްލާހަށް ތާއީދު ކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.