ޚަބަރު

ރައީސް މާދަމާ ގައުމާ މުހާތަބު ކުރައްވަނީ

މުހައްމަދު އިޝާން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ ގައުމާ މުހާތަބުކުރައްވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް ސޯލިހު މާދަމާ ހެނދުނު 10:00ގައި ރާއްޖޭގެ ޓީވީ ސްޓޭޝަންތައް މެދުވެރިކޮށް ގައުމާ މުހާތަބު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ގައުމާ މުހާތަބު ކުރައްވަނީ 57 ވަނަ މިނިވަން ދުވަހާ ގުޅިގެންނެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މާދަމާ ހެނދުނު 6:00 ގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެއެވެ.

މާލޭގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތާއި މާދަމާ ހަވީރު ބާއްވާ އެމްއެންޑީއެފްގެ ޕެރޭޑް ޝަރަފްވެރި ކޮށްދެއްވާނީ ރައީސް ސޯލިހެވެ.

މިނިވަން ދުވަހާ ގުޅިގެން ބާއްވާ މިނިވަން ދުވަހުގެ ޖަލްސާ އާއި ފުޅަނދުބުރު މިއަހަރު ނުބާއްވަން ވަނީ ނިންމައިފައެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަސް ކަމަށްވާ ޖުލައި 26، 1965 އެވެ.