ޚަބަރު

ދުވާފަރު ކައުންސިލުގެ ބޮޑު ހިޔާނާތް ހިންގި މީހުންނަށް ފިޔަވަޅު އަޅަން ފޮނުވައިފި

މުހައްމަދު އިޝާން

ރ. ދުވާފަރު ކައުންސިލުގެ މެންބަރުންނާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ކައުންސިލްގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާކޮށްފައިވާ މައްސަލައިގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅުއަޅަން ތަހުގީގީ އިދާރާތަކަށް ފޮނުވައިފިއެވެ.

ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދުވާފަރު ކައުންސިލުގެ ބޮޑު ހިޔާނާތުގެ ރިޕޯޓް އާންމުކުރީ އެ ކައުންސިލް ހިންގުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ކަމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކައުންސިލް މޮނިޓަރިންކޮށް، ތައްޔާރުކުރި ރިޕޯޓު އެ އޮތޯރިޓީގެ ބޯޑުން ފާސްކުރުމުން ކަމަށެވެ.

އަދި އެ ރިޕޯޓުގައި ފާހަގަވި ކަންކަމަށް ޖަވާބުދާރީވުމުގެ ފުރުސަތު ދުވާފަރު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިިޓީގެ މެމްބަރުންނަށް ދީފައިވާނެ ކަމަށް ބުންޏެވެ.

"އަދި މޮނިޓަރިން ރިޕޯޓުގައި ފާހަގަކުރެވުނު މައްސަލަތައް ތަހުގީގުކޮށް އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅައިދެއްވުމަށް އެދި ތަހުގީގީ އިދާރާތަކުގައި ވަނީ ދަންނަވާފައެވެ. އޭގެ އިތުރުން މި އޮތޯރިޓީން ރ. ދުވާފަރު ކައުންސިލްގެ އިންކުއައިރީ ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައިވެސް ދަންނަވަމެވެ.،" އެލްޖީއޭގެ ބަޔާނުގައިވެއެވެ.

އެލްޖީއޭއިން ތައްޔާރުކުރި ދުވާފަރު ކައުންސިލްގެ މޮނިޓަރިން ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ކައުންސިލަރުންނާއި ޑަބްލިޔުޑީސީ މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ ޕާސަނަލް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ ކަމަށާއި ނަގުދު ފައިސާއިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނަށާއި ޑަބްލިޔުޑީސީ މެންބަރުންނަށާއި މުވައްޒަފުންނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި މުދަލު ޒަކާތުގެ ހައްގުވެރިންނަށް ފައިސާ ހަވާލުކުރިކަމުގެ ލިޔުމެއް އެލްޖީއޭއަށް ލިބިފައިވާއިރު، އެ ލިޔުމުގައި ފައިސާ ހަވާލު ކުރި ފަރާތްކަމުގައި ބަޔާންކޮށްފައި ވަނީ ކައުންސިލް މެމްބަރު ޒުހުދާ އާދަމް ކަމަށާއި ނަމަވެސް ޒުހުދާއާ ހަވާލުކުރި ފައިސާ އަކީ މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ޒަކާތުގެ ގޮތުގައި ޖަމާކުރި 318،600 ރުފިޔާކަމެއް ނުވަތަ އެހެން ފައިސާ އެއް ކަމެއް ކަށަވަރުވެފައި ނުވާކަމަށް ރިޕޯޓުގައިވެއެވެ.

އަދި ޒަކާތް ދިނުމަށް ބޭނުންވާ 54,608 ރުފިޔާ ކައުންސިލް މެމްބަރު ޒުހުދާ އާދަމްއާ ނަގުދުކޮށް ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް އެފައިދާއާ ބެހޭ ލިޔެކިޔުމެއްވެސް ނެތް ކަމަށް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން މިއަދު އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ދުވާފަރު ކައުންސިލުން 2022 ވަނަ އަހަރުގެ ފިތުރު އަދި 2021 ވަނަ އަހަރުގެ މުދަލު ޒަކާތްވެސް އޭގެ ހައްގުވެރިންނަށް ބެހުމަށްފަހު އެކަމުގެ ތަފްސީލު ހިމެނޭ ރިޕޯޓު މިނިސްޓްރީން އަންގާފައިވާ ތާރީހާށް ފޮނުވާފައިވާކަމާއި އަދި އެ ލިޔުންތަކަކީ ޒަކާތުގެ ހައްގުވެރިންނަށް ލިބެންޖެހޭ މިންވަރު ލިބުނުކަން މިނިސްޓްރީން ކަށަވަރުކޮށްފައިވާ ލިޔެކިޔުންތަކެއް ކަމަށެވެ.

ޒަކާތް ނެގުމާއި ބެހުމުގެ މަސައްކަތްތައް ކުރަން ޖެހޭނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށްކަމަށް ހުރިހާ ކައުންސިލްތަކުގައި އަންގާފައިވާނެ ކަމަށާއ އަދި ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް 2022 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ، އެފަރާތްތަކުގެ އެކައުންޓަށް މިިނިސްޓްރީން ފައިސާ ޖަމާކުރާ ގޮތަށްކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ދުވާފަރު ކައުންސިލްގެ މެންބަރުންނާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި ކައުންސިލްގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާކޮށްފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވެސް ވަނީ ހުށަހަޅައިފައެވެ.