ޚަބަރު

ދިރާގު ޕޯސްޓްޕެއިޑެއް ނަގައިގެން ތުރުކީ، ދުބާއީ އަދި އަބޫދާބީ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް

މުހައްމަދު ޖަމްޝަތް ވަހީދު

ދިރާގުން ޕޯސްޓްޕެއިޑް ސިމެއް ނަގައިގެން ޔޫއޭއީގެ އަބޫދާބީ، ދުބާއީ އަދި ތުރުކީގެ އިސްތަންބޫލު ދަތުރެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

ދިރާގުގެ ޕޯސްޓްޕެއިޑްގެ ހިދުމަތަށް އަލަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް ކުރިއަށް ގެންދާ މި ހާއްސަ ޕްރޮމޯޝަނާ ގުޅޭ ގޮތުން އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރު އެޑްވަޓައިޒިން، ހަސަން ޝާރިހު އާދަމް މިއަދު ވިދާޅުވީ ގުރުއަތުން ހޮވޭ ކަސްޓަމަރަށް އިތުރު މީހަކާއެކު އަބޫ ދާބީ، ދުބާއީ އަދި އިސްތަންބޫލް ހިމެނޭ ދަތުރެއް ލިބޭނެ ކަމަށެވެ.

މި ދަތުރުގައި ދެމީހުންގެ ހުރިހާ ޓިކެޓަކާއި ހަތަރު ތަރީގެ އެކޮމޮޑޭޝަންގެ އިތުރުން ދުބާއީ އަދި އިސްތަންބޫލުގެ ސިޓީ ޓުއާތަކެއްވެސް ހިމެނެއެވެ. އަދި ވިޔަފާރިކޮށްލަން ނުވަތަ ބޭނުންވާ އިތުރު ހަރަދުތައް ކުރުމަށް 1،000 ޑޮލަރުވެސް ދޭނެއެވެ.

އަންނަ ސެޕްޓަމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ޕޯސްޓްޕެއިޑްގެ ހިދުމަތަށް އަލަށް ރަޖިސްޓަރީކުރާ ކަސްޓަމަރުން ޑިޕޮސިޓް ފައިސާ ދައްކާކަށް ނުޖެހޭނެއެވެ.

އަދި ދިރާގުގެ ޕޯސްޓްޕެއިޑް ޕެކޭޖުތަކުގެ ތެރެއިން 500 ރުފިޔާއިން މަތީގެ ކޮންމެ ޕެކޭޖެއްގެ މަހު ފީން 20 ޕަސެންޓު ޑިސްކައުންޓާއެކު މަހަކު ތިން ޖީބީގެ ޑޭޓާ ހިލޭ ލިބޭ އިރު، 500 ރުފިޔާއިން ދަށުގެ ޕެކޭޖުތަކުން 10 ޕަސެންޓު ޑިސްކައުންޓާއެކު މަހަކު ދެ ޖީބީގެ ޑޭޓާ ހިލޭ ލިބޭނެއެވެ.