ޓްރާންސްޕޭރެންސީ މޯލްޑިވްސް، (ޓީއެމް)ގެ އިސްނެގުމުގެ ދަށުން މަޖިލިސް މެންބަރުން ޒިންމާދާރު ކުރުމަށް އުފެއްދި ވެބްސައިޓް ''މަގޭ އެމްޕީ''އިން ހާސިލްވަނީ ކޮންކަމެއްތޯ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ސުވާލު ކުރައްވައިފި އެވެ.
އީވާ އެ ގޮތަށް ސުވާލު ކުރައްވާފައިވަނީ ފާއިތުވި ފެބްރުއަރީ މަހު ޓީއެމްގެ ފަރާތުން ލޯންޗްކުރި ''މަގޭ އެމްޕީ'' ވެބްސައިޓާމެދު މަޖިލީހުގެ އައްޑު މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ނުރުހުން ފާޅުކުރައްވައި ކުރެއްވި ޓުވީޓަށް ޖަވާބުދެއްވަމުން ކުރެއްވި ޓުވީޓެއްގައެވެ. މިގޮތުން އީވާ ވަނީ ޒިންމާދާރު ކުރުވުމަށް މަރުހަބާ ކިޔާކަމަށް ވިދާޅުވެފައެވެ. ނަމަވެސް މަގޭ އެމްޕީގެ މައުލޫމާތުތައް އެކުލަވާލާފައިވާއިރު މަޖިލީހުގެ މެމްބަރުންގެ އެވަގުތުގެ ހާލަތު ބަޔާންކޮށްފައި ނެތްކަން އީވާ ވަނީ ފާހަގަ ކުރައްވައިފައެވެ.
އެގޮތުން އެ މެންބަރަކު ހުންނެވީ ޖަލުގައިކަން، ވޯޓުލުމެއް އެދުވަހު ކުރިއަށް ގެންދާކަން މެންބަރުންނަށް އަންގާފައިވޭތޯ ނުވަތަ އަންގާފައި ނުވޭތޯ، ނުވަތަ އެ ޖަލްސާ މެންބަރުން ބޮއިކޮޓް ކުރިތޯ، ބޮއިކޮޓް ކުރިނަމަ ކުރީ ކީއްވެތޯ އަދި މަޖިލީހުގެ ޔައުމިއްޔާއެއް ނެގުނުތޯ "މަގޭ އެމްޕީ" ވެބްސައިޓުން އެނގެން ނެތްކަން އީވާ ފާހަގަކުރެއްވިއެވެ. އަދި މިފަދަ މުހިއްމުކަންކަން ބަޔާން ނުކޮށް، މިހާ ތިލަކޮށް މިފަދަ ވެބްސައިޓެއް އޮތުމުގެ ބޭނުމަކީ ކޮބައިތޯ އީވާ ވަނީ ސުވާލު އުފައްދަވައިފަ އެވެ.
މީގެ އިތުރުން އީވާ ވަނީ މުޅި މަޖިލީހުގައިވެސް މަޖިލީހުގެ އެންމެ ގިނަ ޖަލްސާތަކަށް ހާޒިރުވި މެމްބަރުންގެ ތެރޭ އޭނާ ހިމެނޭއިރު ޓީއެމްގެ ވެބްސައިޓުގައި މިކަން އެނގެން ނެތްކަން ފާހަގަ ކުރައްވައިފައެވެ. އަދި މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވި ނަމަވެސް މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މަޖިލީހުގައި ބޭއިންސާފުން ގެންދިޔަ ކަންކަމާ ގުޅިގެން މަޖިލީހުގައި އިހުތިޖާޖު ކުރެއްި ކަމަށް ވެސް ވިދާޅުވި އެވެ. މަޖިލީހުގެ މެމްބަރުން ޒިންމާދާރު ކުރުވުމަށް އެ ކަންކަން މިނެކިރަނީ ކިހިނެއްތޯ ވެސް އީވާ ވަނީ ޓީއެމްއާ ސުވާލު ކުރައްވައިފައެވެ.
އީވާ ވަނީ މަޖިލީހުގެ ރައީސްގެ މަގާމުގައި މަސީހު ހުންނެވި އިރު މަސީހުގެ ބޭއިންސާފާ ދެކޮޅަށް އަޑު އުފުލުމަށް މަޖިލީހުގައި ހިންގި އެކި ހަރަކާތްތަކުގެ ފޮޓޯ ހިއްސާ ކުރައްވައިފައެވެ.
ޓީއެމްގެ ''މަގޭ އެމްޕީ'' ވެބްސައިޓުގައި މަޖިލީހުގެ 135 މެންބަރުންގެ މައުލޫމާތާއި، 209 ބިލުގެ މައުލޫމާތު ހިމަނާފައިވާއިރު، އެކި ބިލްތަކަށް މަޖިލީހުގައި މެމްބަރުން ވޯޓު ދިންގޮތް ވަނީ ހިމަނައިފައެވެ. އަދި މި ވެބްސައިޓުން މަޖިލީހަށް ހާޒިރު ނުވާ މެމްބަރުން އެނގެން ހުންނަ އިރު ކޮންމެ މެންބަރެއްގެ ޕްރޮފައިލް ނެގުމުން، އޭނާގެ ފޭސްބުކް އައިޑީ، ޓްވިޓާ އައިޑީ އަދި ފޯނު ނަންބަރު އެނގެން ހުރެއެވެ.
ނަމަވެސް މަޖިލީހުގެ އެކި ބިލްތަކަށް މެމްބަރުން ވޯޓު ދީފައި ނުވަނީީ ކީއްވެކަން، މެމްބަރުން މަޖިލީހަށް ހާޒިރުނުވާ ސަބަބު ފަދަ އެކި ކަންކަން މި ވެބްސައިޓުން އެނގެން ނެތުމުން މެމްބަރުން އަންނަނީ މި ވެބްސައިޓަށް ފާޑު ކިޔުންތައް އަމާޒު ކުރަމުންނެވެ.