މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާއިން ފެށިގެން ހުއްޓުމެއްނެތި ރާއްޖޭގައި ތަންތަނުގެ ކުލީގެ އަގު ބޮޑުވަމުން އަންނަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓާގެ އިގުތިސޯދީ ބުލެޓިންގައިވާ ގޮތުން ކޮވިޑު ތެރޭގައި ރާއްޖޭގެ ތަންތަނުގެ ކުލީގެ އަގުތައް ދަށްވި ނަމަވެސް އަނެއްކާވެސް ކުލީގެ އަގުތައް ވަނީ މައްޗަށް ދާން ފަށައިފައެވެ. އެގޮތުން މިދިޔަ މާޗު މަހުގެ ނިޔަލަށް ކުލީގެ އަގުތައް 0.6 ޕަސެންޓު ވަނީ މައްޗަށް ގޮސްފައެވެ.
އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި މިއީ ރާއްޖޭގެ ކުލީގެ އަގުތައް ހުއްޓުމެއް ނެތި ބޮޑުވަމުން އަންނަތާ ތިންވަނަ ކުއާޓާއެވެ. އެގޮތުން މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާއިން ފެށިގެން ކުލީގެ އަގުތައް މައްޗަށްދާން ފަށާފައިވާ ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އިންފްލޭޝަން ރޭޓް މައްޗަށް ދިއުމާއެކު އަހަރުގެ ފުރަތަމަ ކުއާޓާގައި މައިގަނޑު ގޮތެއްގައި ގިނަ ބާވަތްތަކުގެ އަގުތައް ހަލުވިކަމާއެކު ވަނީ މައްޗަށް ގޮސްފައެވެ.
އެމްއެމްއޭ އިން މަހުން މަހަށްނެރޭ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރު ފެށުނު އިރު ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 0.2 ޕަސެންޓުގައެވެ. އަދި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނު އިރު އެ އަދަދު 0.6 ޕަސެންޓަށް އިތުރުވެފައިވާއިރު މިއަހަރުގެ އޭޕްރީލް މަހާ ހަމަޔަށް އިންފްލޭޝަން ރޭޓް ހުރީ 1.2 ޕަސެންޓުގައެވެ. ނަމަވެސް މިއަހަރުގެ މެއި މަސް ނިމުނުއިރު އިންފްލޭޝަން ވަނީ 2.5 އަށް މަތިވެފައެވެ.
މި ތަފާސް ހިސާބުތަކުގައިވާ ގޮތުން މާލޭގެ އިންފްލޭޝަން ރޭޓު މެއި މަހުގެ ނިޔަލަށް ވަނީ 2.8 ޕަސެންޓަށް އިތުރުވެފައެވެ. އަދި އަތޮޅުތަކުގެ ރޭޓް ވަނީ 2.1 ޕަސެންޓަށް އިތުރުވެފައެވެ.
ދުނިޔޭގެ ބާޒާރުގައި ބޮޑުވަމުން އަންނަ ތެލުގެ އަގާއެކު މި އަހަރު ރާއްޖޭގެ އިންފްލޭޝަން ތިން ޕަސެންޓަށް އަރާނެ ކަމަށް އެމްއެމްއޭ އިން ކުރިންވެސް ވަނީ ލަފާކޮށްފައެވެ. އަދި އިންފްލޭޝަންގެ ސަބަބުން ތަކެތި އިމްޕޯޓް ކުރުމަށް ހިނގާ ހަރަދު ބޮޑުވެ ރާއްޖޭގެ ނެޝެނަލް ރިޒާވް ދަށްވާނެ ކަމަށް ވެސް އެމްއެމްއޭ އިން ވަނީ ލަފާކޮށްފައެވެ.