އިބްރާހިމް ޒަކީ
ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއް ކަމަށް ކަނޑައަޅައި، ގާނޫނުލްއުގޫބާތުގައި ހިމެނުމަށްވުރެ ރަނގަޅު ގޮތަކީ އެކަމާގުޅޭ ހާއްސަކަންކަން ހިމެނޭ ވަކި ގާނޫނެއް އޮތުން ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާަގައި ކުރިއަށްދާ ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއް ކަމަށް ކަނޑައަޅައި، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ހުށަހަޅުއްވާފައިވާ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ނުހައްގު މުއްސަނދިކަމަކީ، ބައިނަލްއަގުވާމީ މުއާހަދާގެ 20 ވަނަ މާއްދާ ބުނާގޮތުން ވެސް ކުށެއްކަމަށެވެ.
ނަޝީދު ވިދާޅުވީ، ގާނޫނުލް އުގޫބާތުގެ ކުށްތަކުގެ ތެރެއަށް ވަކި ކުށެއްގެ ގޮތުގައި މިކުށް ވެއްދުމުން ގިނަ ސުވާލުތަކަކަށް ޖަވާބު ނުލިބޭނެ ކަަމަށެވެ.
"މި ކަމަކީ ސިއްރިޔާތުގައި ހިނގާމަކެއް، މިކަމަކީ މަގާމުގައި ހުންނަ މީހެއްގެ ބާރުގައި ހުރެގެން އެމީހާ ކުރާކަމެއް، މިކަމަކީ އާއިލާވެސް ބޭނުންކޮށްގެން ކުރާކަމެއް، މިކަމަކީ ރުފިޔާ މުދަލަށް ބަދަލުކޮށްގެން ކުރާކަމެއް، މި ކަމަކީ ބޭރަށް މުދާ ގެންދެވޭގޮތަށް ކުރާކަމެއް، މިކަމަކީ ހެއްކަށާއި ހެކިންނަށް ނުފޫޒު ފޯރުވުމަށް ނުވަތަ ލިޔުންތައް ބަދަލު ކުރުމަށް މަގުފަހި ކުރެވޭގޮތަށް ކުރެވޭ ކަމެއް، މި ހުރިހާ ސަބަބު ތަކަކާހެދި ތަހުގީގެއް ކުރަން ކުށެއްކުރިކަން ހޯދަން ވަރަށް އުނދަގޫވާނެ،" ނަޝިދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، ގާނޫނުލް އުގޫބާތުގެ ތެރެއަށް ކުށެއްގެ ސިފައިގައި މި ކުށް ވަދެގެންދާއިރު އެ ސުވާލުތަކަށް ޖަވާބު ލިބެންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ، ކޮރަޕްޝަން ކޮންވެންޝަން ބުނާގޮތުން ޖާއިޒް ގޮތުގައި ތިމާއަށް ލިބޭ އާމްދަނީން އުފެދޭ މުއްދަނދިކަމުގެ ތެރެއަށް ބަޔާން ކޮށްނުދެވޭ ފަދަ ކުއްލި މުއްސަނދިކަމެއް އައިސް، އެއީ ކިހިނެއް ލިބުނު މުއްސަނދިކަމެއްކަން ބަޔާންކޮށް ނުދެވޭކަމަށްވަނީނަމަ އެއި ކޮރަޕްޝަންގެ ކުށެއްކަމަށެވެ.
"ހަމައެކަނި ކުށަކަށް ހަދައިލުމުން ނުކުންނަ މައްސަލަތައް މާގިނަ ވެދާނެއޭ އޭގެން ލިބޭ ހައްލުތަކަށްވުރެބޮޑަށް، އެހެން ނަމަވެސް އެއާއެކުގައި، އެއާ ތިމާގެ ހުރިހާ ކަމަކާ އެއްކޮށް އޭގެ ޒާތުގައި އޮންނަ ވަކި ގާނޫނެއް އައުމޭ އެއްމެ ބުއްދިވެރި ގޮތަަކަށް ވާނީ،" ނަޝިދު ވިދާޅުވި އެވެ.