މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ނުވަ ލައްކައަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 900،808 ފަތުރުވެރިން އައިސްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 572,123 ފަތުރުވެރިންނެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ އިންޑިއާއިންނެވެ. އެ ގައުމުން 132,151 ފަތުރުވެރިން އައިސްފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، މިއަހަރު އެވްރެޖުކޮށް ދުވާލަކު 4,482 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށާއި އަދި އެ ފަތުރުވެރިން އެވްރެޖުކޮށް އަށް ދުވަސް ރާއްޖޭގައި ހޭދަކުރާ ކަމަށެވެ.
މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި އިރު، ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމެވެ.