ފަތުރުވެރިކަމާއި ހޮސްޕިޓޭލިޓީ ދާއިރާގައި ދެކުނު އޭޝިއާ ސަރަހައްދުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) 2022ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ވަން އޮންލައިން ހަމަޖައްސައިފިއެވެ.
ސާޓާ 2022ގެ ޕާޓްނަރުންނާއި ސްޕޮންސަރުން އިއުލާންކުރުމަށް މާގިރި ހޮޓެލްގައި މިއަދު ހަވީރު ބޭއްވި ހަފުލާގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ވަން އޮންލައިންގެ ފަރާތުން ސޮއިކުރެއްވީ އެޑްމިން އެންޑް މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ޔޫސުފް (ހަޝް) އެވެ. ސަޓާގެ ފަރާތުން ސޮއިކުރެއްވީ، އިވެންޓް އިންތިޒާމުކުރާ ކުންފުނި، ހައިރައިޒްގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަންސް މުހައްމަދު ޝާމިންއެވެ.
ސާޓާ 2022ގެ އޮންލައިން މީޑިއާ ޕާޓްނަރުންގެ ގޮތުގައި ވަން އޮންލައިންއާއެކު އިތުރު ހަތަރު މީޑިއާއަކާއި ޓްރެވަލް މީޑިއާ ޕާޓްނަރުން ހަމަޖައްސާފައިވެއެވެ. މިއަހަރު ބާއްވާ ސާޓާގެ ޕާޓްނަރުންނާއި ސްޕޮންސަރުން:
ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލް ބައިވެރިވާ ސާޓާއަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރާފައިވާ ފަރާތްތަކާއި އެފަރާތްތަކުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމަށްޓަކައި އެންމެ ފުރަތަމަ ދޭން ފެށި އެވޯޑެވެ. މި އެވޯޑަކީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ގައުމުތައް ހިމެނޭ އެސޯސިއޭޝަންތަކުން އެންޑޯޒް ކޮށްފައިވާ އެވޯޑުވެސް މެއެވެ.
ސާޓާ އެވޯޑްސް އެންމެ ފުރަތަމަ ބޭއްވީ 2016 ވަނަ އަހަރުއެވެ. މި އަހަރަކީ މިއީ ސާޓާ އެވޯޑްސް ބާއްވާ ހަ ވަނަ އަހަރެވެ. މިއަހަރުގެ އެވޯޑް ހަފުލާ އޮންނާނީ ސެޕްޓެމްބަރު 29 އަދި 30ގައި އަދާރަން ހުދުރަންފުށި ރިސޯޓުގައެވެ.
މި އަހަރު 52 ކެޓަގަރީއަކުން އެވޯޑް ދޭން ނިންމާފައިވާ އިރު، 1،000 އަށްވުރެ ގިނަ ނޮމިނޭޝަންސް ލިބިފައިވާ ކަމަށް ހައިރައިޒުން ބުނެއެވެ. އެވޯޑަށް ހޮވޭނީ ތަޖުރިބާކާރު ޕެނަލަކުން ކުރިއަށް ގެންދާ އިވެލުއޭޝަނަށާއި ނޮމިނޭޝަންތަކަށް ލިބޭ ވޯޓަށް ބަލައިގެންނެވެ. އެގޮތުން އިވެލުއޭޝަނާއި ވޯޓިން މިހާރު ކުރިއަށްދާ އިރު، ވޯޓުން ބަންދުވާނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.