ޚަބަރު

އިންޑިއާގެ ބިލިއަނަރު އަބީޝެކު ވަރުމާގެ އިންޒާރުގެ ޓުވީޓުތަކެއް ރާއްޖޭގެ ކޮލަމިސްޓު ބުޝްރީއަށް

2

ރާއްޖޭގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ނަން މަޝްހޫރު ވިޔަފާރިވެރިޔާ، ބިލިއަނަރު އަބީޝެކް ވަރުމާއާ އެކު ބޭއްވެވި ބައްދަލުވުމާ ގުޅޭ ގޮތުން ސުވާލު އުފައްދައި، ރާއްޖޭގެ މަޝްހޫރު ކޮލަމިސްޓު، މުހައްމަދު ބުޝްރީ ޓުވީޓު ކުރެއްވުމުން ވަރްމާ ބުޝްރީއަށް އިންޒާރުދީ ޓުވީޓުކޮށްފި އެވެ.

ބުޝްރީ އިއްޔެ ހެނދުނު ކުރެއްވި ޓުވީޓުގައި، ސުވާލުކުރައްވައިފައި ވަނީ "ރާއްޖޭގެ ކުރީގެ ރައީސް ނަޝީދު އިންޑިއާގެ ހަތިޔާރު ޑީލަރަކާ ބައްދަލުކުރެއްވީ ކީއްވެތޯ؟" އެވެ.

ފުޅާ ދާއިރާއެއްގައި ހަތިޔާރުގެ ވިޔަފާރި ހިންގާ ކަމުގެ ތުހުމަތު ތަކެއް މީގެ ކުރީން އަބީޝެކް ވަރުމާގެ މައްޗަށް ވަނީ ކޮށްފަ އެވެ. އެހެން ނަމަވެސް އެ މައްސަލަތައް އޭނާގެ މައްޗަށް ސާބިތެއް ނުވެ އެވެ.

ކުރީގެ ރައީސް، ނަޝީދު އަދި ވަރުމާގެ ބައްދަލުކުރެއްވުމާ ގުޅިގެން ބުޝްރީ ކުރެއްވި ޓުވީޓް ---

ބުޝްރީގެ ޓުވޓާ ގުޅިގެން އަބީޝެކްގެ ވެރިފައިޑް އެކައުންޓުން ވަނީ ބުޝްރީ އަށް ޓުވީޓެއް ކޮށްފަ އެވެ. އޭގައި ބުނެފައި ވަނީ، ބުޝްރީ ރާއްޖޭގައި އަމިއްލަ މީޑިއާއެއް ހިންގާކަން އޭނާއަށް އެނގޭ ކަމަށާއި މިއީ އޭނާގެ މައްޗަަށް ތުހުމަތުކޮށް ބުޝްރީ ކޮށްފައިވާ ޓުވީޓުތައް ޑިލީޓްކޮށް އޮންލައިން ނޫސް، މޯލްޑިވްސް ޓައިމްސްގައި ހުރި އެފަދަ ލިޔުންތައް ވެސް ނަގަން ޖެހޭ ވަގުތު ކަމަށެވެ. އެހެން އަމަލު ނުކޮށްފި ނަމަ އޭގެ ނަތީޖާއަކަށް ވާނީ ޖިނާއީ ދައުވާ ކަމަށް ވެސް ވަރްމާގެ މެސެޖުގައި ބުނެފައިވެ އެވެ.

ބުޝްރީއަށް އެންމެ ފުރަތަމަ ވަރްމާ ކުރި ޓުވީޓް ---

އަބީޝެކް ވަރުމާގެ އެހެން ޓުވީޓެއްގައި ބުނެފައި ވަނީ، ބުޝްރީ އޭނާއަށް ތުހުމަތުކޮށް ކޮށްފައިވާ ޓުވީޓުތައް ޑިލީޓް ނުކޮށްފި ނަމަ، ރާއްޖޭގެ ކޯޓު ތަކުގަ އާއި އިންޑިއާގެ ކޯޓުތަކުގައި އަދި ބައިނަލް އަގުވާމީ ކޯޓުތަކުގައި ވެސް އަބުރުގެ ދައުވާ އުފުލާނެ ކަމަށެވެ.

"އަހަރެންގެ ލޯޔަރުން ވަނީ ޓުވީޓު ތަކުގެ ސްކްރީން ޝޮޓު ނަގާފައި. އެ ސްކްރީން ޝޮޓުތައް ހެކީގެ ގޮތުގައި ބޭނުން ކުރެވޭނެ." އަބީޝެކްގެ ޓުވީޓުގައި ބުނެފައިވެ އެވެ.

އަބީޝެކް ވަރުމާގެ މި ޓުވީޓު ތަކާ ގުޅިގެން އެހެން ބައެއް ދިވެހީން ވެސް އަންނަނީ އޭނާއަށް ރައްދުދެމުންނެވެ.

ރައީސް ނަޝީދު އަބީޝެކް ވަރުމާއާ އެކު ބޭއްވެވި ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް އެމަނިކުފާނު މިހާތަނަށް އައި އިރު ހާމަކުރައްވައިފައެއް ނުވެ އެވެ.

ދުވަހު ނޫސް ސަން އޮންލައިން، އަދި ވަން އޮންލައިންގެ ކޮލަމިސްޓު، މުހައްމަދު ބުޝްރީ (ކެޔޮނިރު ބުޝްރީ) މިއަދު ވަން އޮންލައިން އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އިއްޔެއާއި ހަމައަށް ވަރްނާކެ ޓުވީޓާ އެކައުންޓުން ފޮލޯކުރަމުން އައީ އެންމެ ތިން ދިވެހީން ކަމަށާއި އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އޭނާ ކަމަށެވެ. އެހެން ނަމަވެސް މިއަދު ހެނދުނު ބެލި އިރު ހުރިހާ ދިވެހީން އަންފޮލޯ ކޮށްފައިވާ ކަމަށް ބުޝްރީ ވިދާޅުވި އެވެ.

ރާއްޖޭގެ އޮންލައިން ނޫސް ވަގުތަށް ވެސް ވަރްމާ ވަނީ މި ފަދަ އިންޒާރުތަކެއް ދީފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟