ޚަބަރު

ފްލައިޓުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރަން ބާއްވާ ބައްދަލުވުމުގެ ވައިސް ޗެއާއަކަށް ނަހުލާ

އަލީ ޔާމިން

އޭވިއޭޝަން ދާއިރާގައި ކާބޮންޑައިއޮކްސައިޑް ބޭރުކުރާ މިންވަރު މަދުކުރަން ބާއްވާ ބައިނަލްއަގުވާމީ ބައްދަލުވުމުގެ ފުރަތަމަ ވައިސް ޗެއާމަނަކަށް ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހަމަޖައްސައިފިއެވެ.

އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އައިކާއޯ) އިން އިންތިޒާމުކޮށްގެން ބާއްވާ މި ބައްދަލުވުމުގެ ފުރަތަމަ ވައިސް ޗެއާމަނަކަށް މިނިސްޓަރު ނަހުލާ ނޮމިނޭޓްކުރީ ސިންގަޕޫރުންނެވެ. އެކަމަށް ތާއީދުކުރީ ގްރީސްއިންނެވެ.

މި މަހުގެ 19 ވަނަ ދުވަހު ކެނެޑާގެ މޮންޓްރިއަލްގައި ފެށި މި ބައްދަލުވުން މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ ގައުމުތަކުގެ އޭވިއޭޝަން މިނިސްޓަރުންނާއި ޕޮލިސީ މޭކަރުން ބައިވެރިވެއެވެ.

މި ބައްދަލުވުމުގައި އޭވިއޭޝަން ދާއިރާގައި ޓެކްނޮލޮޖީ ބޭނުން ކުރެވޭނެ ގޮތްތަކާއި ތެލުގެ ހަރަދުކުޑަކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރާނެއެވެ.