މުހައްމަދު ޖަމްޝަތް ވަހީދު
ސ. ހުޅުދޫ އަދި ސ. ހުޅުމީދޫ ބަނދަރު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެންވާރްމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައީއޭ) ރިޕޯޓާ ހިލާފަށް މަސައްކަތްތައް ކުރިއަށް ގެންދާތީ އެ މަޝްރޫއު ހުއްޓާލުމަށް އެންވާރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އަންގައިފިއެވެ.
އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއު ކުރިއަށްގެންދަނީ އެ އޭޖެންސީން ޕްލޭނިން މިނިސްޓްރީއަށް ދޫކޮށްފައިވާ ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ގަބޫލުކުރިކަމުގެ ލިޔުމާ ހިލާފަށް ކަމަށެވެ.
އެހެންކަމުން ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމުގެ ގަވާއިދުގެ 20 ވަނަ މާއްދާއާ ހަވާލާދީ އެ މަޝްރޫއުގެ ބިން ހިއްކުމާއި ފަޅުކޮނުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލުމަށް މިއަދު މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށް އީޕީއޭއިން ބުންޏެވެ.
މި ދެ މަޝްރޫއުގެ މަސައްކަތްވެސް މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އަށެވެ. އޭގެ ތެރެއިން ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 471,380 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 1788 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 97 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.
ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 83 ޕަސެންޓް ނިމިފައިވާއިރު، އެ މަޝްރޫއުގެ ދަށުން 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 114 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން 624 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 742 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ އިތުރުން ނުވަ މީޓަރު ދިގު، ހަތަރު މީޓަރު ފުޅާ ބުރިޖެއް އެޅުމުގެ މަސައްކަތް ހިމެނެއެވެ. އަދި 2،250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ބައްތި އާއި ނެރުބައްތި ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.