މުހައްމަދު ޖަމްޝަތް ވަހީދު
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މިނީ ބަހުގެ ހިދުމަތް މާލެ އާއި އަތޮޅުތަކުގެ ރަށްރަށަށް ދިނުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ވަނީ މިދިޔަ ހޮނިހިރު ދުވަހު 36 ބަސް ރާއްޖެ ގެނެސްފައެވެ. އަދި މި މަހުގެ ފަހުކޮޅު އިތުރު ފަސް ބަސް ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން މިއަދު ބުނީ މިނީ ބަހުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލަށް، ލ. ގަމާއި ލ. ފޮނަދޫ އަދި ލ. އިސްދޫ ކަލައިދޫގައި ކަމަށެވެ. އަދި މި ހިދުމަތުގައި ބޭނުންކުރުމަަށް އަލަށް ގެނައި ބަސްތަކުގައި 18 ނުވަތަ 20 މީހުންގެ ޖާގަ ހުންނާނެ ކަމަށާއި މަގުސަދަކީ ވީ އެންމެ އަވަސް ފުރުސަތެއްގައި މިނީ ބަހުގެ ދުމަތް ރައްޔިތުންނަށް ދޭން ފެށުން ކަމަށް ބުންޏެވެ.
މިނީ ބަހުގެ ހިދުމަތަކީ ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަޝްރޫއު "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ހިދުމަތެކެވެ.
އެ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އާރްޓީއެލް ފެރީގެ ހިދުމަތް ދިނުމާއި އާރްޓީއެލް ބަހުގެ ހިދުމަތް ދިނުމެވެ. މިގޮތުން ހދ. އަދި ހއ. އަތޮޅަށް އާރޓީއެލް ފެރީގެ ދޭން ފަށާފައިވާ އިރު، ށ. އަތޮޅަށް ފެރީ ހިދުމަތް ދިނުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ.