ޚަބަރު

މަޑުއްވަރީ ރޭޕް ކޭސް މައްސަލަ އަލުން ރިވިއުކުރަން ޖެންޑާއިން އަންގައިފި

އަލީ ޔާމިން

މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭ ރ. މަޑުއްވަރީގައި 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ހެކި ނެތިގެން ފައިލްކުރި ނަމަވެސް އެ މައްސަލަ އަލުން ރިވިއުކުރަން ޖެންޑާ މިނިސްޓްރީން، ކަމާބެހޭ އިދާރާތަކަށް އަންގައިފިއެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުއްޖާގެ ބައްޕަ އިބްރާހީމް ރިޒާ ވަނީ އެ މައްސަލަ އަލުން ބަލައިދޭން އެދި ޖެންޑާ މިނިސްޓްރީ އާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ސިޓީއެއް ފޮނުވައިފައެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވީ، ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުއްޖާގެ ބައްޕަ ފޮނުވި ސިޓީގައިވާ ކަންކަން ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅާފައިވާނެ ކަމަށާއި އެ މައްސަލަ އަލުން ރިވިއު ކުރެވޭނެ ޖާގައެއް އޮތް ނަމަ އެކަން ކުރަން ފެންނަ ކަމަށް އަންގާފައިވާނެ ކަމަށެވެ.

މަޑުއްވަރީ ސްކޫލްގައި ތައުލީމު ހާސިލުކުރަމުންދިޔަ އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ހަތަރު މީހަކަށް ކުރެވެއެވެ. އޭގެތެރޭގައި އެ ކުއްޖާއަށް ކިޔަވައިދިން ޓީޗަރު ވެސް ހިމެނެއެވެ.

އެ މައްސަލަ ތަހުގީގުކޮށްފައި ހެކި ނެތުމުން މައްސަލަ ވަނީ ފައިލްކޮށްފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިޔާ އޮފިޝަލް އަހުމަދު ޝަފީއު "ވަން" އަށް މިއަދު ވިދާޅުވީ، ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ކުއްޖާގެ ބައްޕަގެ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އެ މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންކަން ހުރި ކަމަށް ފެންނާތީ ފުލުހުންނަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އަންގާފައިވާ ކަމަށެވެ.

"އެ މައްސަލަ ފުލުހުން ބެލުމަށް ފަހު އަލުން ރިވިއުކުރަން ޖެހޭ ސަބަބެއް އޮތް ނަމަ ރިވިއުކުރާނެ،" ޝަފީއު ވިދާޅުވިއެވެ.

ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުވާ ޓީޗަރު، އެ މައްސަލައިގެ ތަހުގީގު ފެށުމާއެކު ވަޒީފާއިން ސަސްޕެންޑުކުރިއެވެ. އަދި އޭގެ ފަހުން ސިވިލް ސާވިސް ކޮމިޝަނުން ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައެވެ.