ޝަހީދާ އަބްދުﷲ ސައީދު
ސައޫދީ އަރަބިއްޔާއިން ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިކަން ދިނުމާ ބެހޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާއަށް މީހުން ބިނާކުރުމުގައި ސައުދީ އަރަބިއްޔާއިން، ރާއްޖެއަށް އެހީތެރިކަން ދޭނެ ކަމަށެވެ.
ރާއްޖެއާއި ސައުދީން މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ސައުދީ އަރަބިއްޔާގެ ހެލްތު މިނިސްޓަރާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން ކަމަށެވެ.
ސައުދީ އަރަބިއްޔާގެ ޖިއްދާގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީނެވެ. ސައުދީ އަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ހެލްތު މިނިސްޓަރު ޑރ. ތައުފީގު އަލް ރާބިއާއެވެ.
މިއެއްބަސްވުމުގެ ދަށުން ސިއްހީ މަރުކަޒުތައް އިތުރަށް ތަރައްގީކުރުމަށާއި ދާއިރާއަށް ބޭނުންވާ އާލާތްތައް ހޯދުމުގައި ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގާތްގުޅުމަށް އަލިއަޅުވާލައި، ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި މިނިސްޓަރު އަމީން ވަނީ ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.
މިނިސްޓަރު އަމީން ސައުދީ އަރަބިއްޔާއަށް ވަޑައިގަތީ މިހާރު އެގައުމުގައި ކުރިއަށްދާ "ޕޭޝަންޓް ސޭފްޓީ" އާއި ގުޅޭ ހަތަރުވަނަ ގްލޯބަލް މިނިސްޓީރިއަލް ބައްދަލުވުމުގައި ބައިވެރިވަޑައިގަތުމަށެވެ.