ޚަބަރު

އައްޑޫ ސިޓީ ކައުންސިލަށް ތެލުގެ ބާވަތްތައް ކްރެޑިޓަށް ދޫކުރުމަށް އެފްއެސްއެމް އިން އެއްބަސްވެއްޖެ

އިބްރާހިމް ޒަކީ

އައްޑޫ ސިޓީ ކައުންސިލަށް ބޭނުންވާ ތެލުގެ ބާވަތްތައް ކްރެޑިޓަށް ދޫކުރުމާބެހޭ އެއްބަސްވުމެއްގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު ސޮއިކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެފްއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ގަސަމްއެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މޭޔަރު ވިދާޅުވީ އެއްބަސްވުމުގެ ސަބަބުން މަސައްކަތްތަކަށް ބޮޑު ލުއިކަމެއް ލިބިގެންދާނެ ކަމަށެވެ.

އަދި ތެޔޮ ގަތުމަށް މިހާރު ކައުންސިލުން ކުރަމުންދާ ހަރަދު ކުޑަވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން ކައުންސިލްގެ އިދާރާއަށް ބޭނުންވާ ޑީސަލް އާއި ޕްޓްރޯލްގެ އިތުރުން ކަރާސީނާއި ތެލުގެ އެހެނިހެން ބާވާތްތައް މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެއް އަހަރުގެ މުއްދަތަށް ކްރެޑިޓް އުސޫލުން އެފްއެސްއެމް އިން އައްޑޫ ސިޓީ ކައުންސިލަށް ފޯރުކޮށްދޭނެއެވެ.