ޚަބަރު

ކޮވިޑުގެ ދަތި ދުވަސްވަރު ރައީސް ދެއްކެވީ ލީޑަރެއްގެ ފުރިހަމަ މިސާލު: ޗަމްޕާ

މުހައްމަދު އިޝާން

1

ކޮވިޑު-19ގެ ދަތި ދުވަސްވަރު މުޅި ގައުމު އެއްބައިވަންތަކުރުވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވީ ފުރިހަމަ މިސާލެއް ކަމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ ޗަމްޕާ ހުސައިން އަފީފް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ މައި ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ފަރާތުން ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި "50 އިޔާސް އޮފް ޓޫރިޒަމް އެވޯޑްސް ބައި މަޓީ" ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ޖަމިއްޔާގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޗަމްޕާ ވިދާޅުވީ، ކޮވިޑުގައި ދިޔަ ތިން އަހަރު ރައީސް ސޯލިހުގެ ފަރާތްޕުޅުން ފެނިގެންދިޔައީ ލީޑަރެއްގެ ފުރިހަމަ މިސާލު ކަމަށާއި އެ ދަތި ދުވަސްވަރު އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅަށް ޝުކުރު ހައްގު ކަމަށެވެ.

"ރައީސް ސޯލިހަށް ޝުކުރު އަދާކުރަން ބޭނުން ކޮވިޑުގެ ދަތި ދުވަސްވަރު ދެއްވި ހުރިހާ ލަފާފުޅުތަކައް. އެމަނިކުފާނުގެ ލީޑާޝިޕް މުޅި ގައުމު އެއްބައިވަންތަކުރުވި ކޮވިޑާ ދެކޮޅަށް ކުރި މަސައްކަތުގައި. އެއީ ސަރުކާރާއި ޕްރައިވެޓް ސެކްޓާގެ ލާމަސީލު ޕާޓްނާޝިޕެއް،" ޗަމްޕާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑުގެ ހަބަރު ލިބުމާއެކު އެންމެ ފުރަތަމަ އެމަނިކުފާނު ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި މަޓީގެ ބޭފުޅުން ހިމެނޭނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑާ ގުޅިގެން ބޯޑަރުތައް ބަންދުކުރުމަށް ނިންމެވި ނިންމެވުމަކީ ވަރަށް ދަތި އުނދަގޫ ނިންމެވުމެއް ކަމަށެވެ. އަދި އޭގެ ފަހުން ޖުލައި މަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލި އިރު، އެކަމާ ވެސް ދެކޮޅު ވިސްނުމުގެ ބައެއް ބޭފުޅުން ތިއްބެވި ކަމަށާއި އެހެންނަމަވެސް އެ ދަނޑިވަޅުގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލުމަށް ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.

"މިއަދު ރާއްޖޭގެ އިގުތިސޯދު އިއާދަވަމުން މިތިބި ހިސާބަށް އާދެވިފައި މިތިބީ އެ ނިންމުމުގެ ސަބަބުން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ފަތުރުވެރިކަން ޑައިވާސިފައިކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި އެކަމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟