ޚަބަރު

އެއާޕޯޓް އަލުން ޖީއެމްއާރަށް ދޭން އުޅޭ ކަމަށް އިދިކޮޅު ޕީއެންސީން ތުހުމަތު ކޮށްފި

އިބްރާހިމް ޒަކީ

1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މިސަރުކާރުން އަނެއްކާވެސް، ޖީއެމްއާރަށް ދޭން އުޅޭ ކަމަށް އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ތުހުމަތު ކޮށްފި އެވެ.

މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމު ޖަލުގައި ބަންދު ކުރައްވައިގެން އުޅުއްވަނީ، އެއާޕޯޓް ޖީއެމްއާރަށް ދިނުމަށް ކުރެވެމުންދާ މަސައްކަތުން ދިވެހި ރައްޔިތުންގެ ފޯކަސް އެހެން ދިމާލަކަށް އަނބުރައިލުމަށް ކަމަށެވެ.

އަދި އެއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލުމަށް ކުރެވޭ މަސައްކަތެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ނިއުސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ އެއާޕޯޓް ޖީއެމްއާރުގެ އަތުން މިނިވަން ކުރީ، ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތު ގެއްލިދާތީ ދިވެހި ރައްޔިތުން ކުރި ބުރަ މަސައްކަތާއި ކުރި ބޮޑު ހޭދައަކުން ކަމަށެވެ. ނަމަވެސް އަނެއްކާ ހަމަ އެ ސަގާފަތަށް އެއާޕޯޓް ދިއުމަކީ ވަރަށް ބިރުވެރި ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓްގެ އާ ޓާމިނަލްގެ ކޮންކްރީޓް މަސައްކަތް މިހާރު ހަވާލު ކޮށްފައިވާ ސައުދީ ބިންލާދިން އަތުން އެތަން ނެގުމަށްފަހު ޖީއެމްއާރާ އެތަން ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ މައުލުމާތު ލިބިފައިވާ ކަމަށެވެ.

"އިވޭ އަޑަކީ ޓާމިނަލް ދޭން އެބަ މަސައްކަތް ކުރޭ މިހާރު އެތަނުގެ ކޮންސްޓްރަކްޝަން މިހާރު ދީފައި އޮތް ސައުދީ ބިންލާދިން އަތުން ނަގައިފަ، މިއީ ތެދެއްކަމަށް ވާނަމަ އެއީ ވަރަށް ބިރުވެރި ވާހަކައެއް، ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ގާތްގަނޑަކަށް 423 މިލިޔަން ޑޮލަރު ދީފަ އެއާޕޯޓް މިނިވަންކުރީ، ޖީއެމްއާރު އަތުން، ރާއްޖޭގެ މިނިވަންކަމާއި ގުޅިފައި އޮތީމަ ރައްޔިތުން އެކަމަށް މަސައްކަތްކުރީ،" ސައީދު ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟