ޚަބަރު

ރާއްޖޭގެ އިގްތިސާދު މިދާގޮތުން މިއަހަރުގެ މެދެއްހާ ހިސާބުގައި، ފައިސާގެ އަގު ވެއްޓޭނެ: ސައީދު

އިބްރާހިމް ޒަކީ

މިހާރު ރާއްޖޭގެ އިގްތިސާދު މިދާގޮތުން މިއަހަރުގެ މެދެއްހާ ހިސާބުގައި، ރާއްޖޭގެ ފައިސާގެ އަގު ވެއްޓޭނެކަމުގެ ބިރު އެބައޮތް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީއެންސިީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ޕާޓީގެ ނާއިބު ރައީސްކަން ވެސް ކުރައްވާ ސައީދު ވިދާޅުވީ، ޑޮލަރުގެ އަގު ވެއްޓުމަކީ މީހުންގެ މުސާރަ ދަށަށް ދާނެ ކަމެއް ކަމަށާއި ހާއްސަކޮށް ސިވިލް ސާވިސްގެ މުސާރަ ދަށަށްދާނެ ކަމަށެވެ.

"ޖުލައި މަހު 18 ރުފިޔާއަށް ނުވަތަ 20 ރުފިޔާއަށް ޑޮލަރެއްގެ އަގު ވެއްޓުނީމަ ދެން ކިހިނެއްތޯ ހަދާނީ، މީހުންގެ މުސާރަ ދަށަށް ދާނީ، ސިވިލް ސާވިސްގެ މުސާރަ ދަށަށްދާނީ، މިހާރު ރާއްޖޭގެ އިގްތިސާދު މިދާގޮތުން އަޅުގަނޑުމެންނަށް އެ ބިރު އެބައޮތް މިއަހަރުގެ މެދުތެރެއަށް އަންނައިރު ރާއްޖޭގެ ފައިސާގެ އަގު ވެއްޓޭނެކަމުގެ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެގޮތަށް އެކަންކަން ދިމާވަނީ، ސަރުކާރުން އާމްދަނީ ހޯދާނެ ގޮތްތައް ފަހިކޮށްފައި ނެތުމުން ކަމަށެވެ.

އަދި މި ސަރުކާރުން ތަރައްގީއަށް އާ އެއްވެސް ކަމެއް ފަށާފައި ނުވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ބްރިޖު އެެޅީ އަގު ބޮޑުކޮށޭ ބުނަނީ ދެން އަގު ހެޔޮކޮށް އަނެއް ބްރިޖް އަޅަންވީނޫންތޯ، އެކަން އެބަކުރޭތޯ، މަސައްކަތެއް ކުރަންވީނޫންތޯ، އަތްފައި ބަނދެވިފަ ދުވުމާއި ފެތުމެގަނޫން ދެއްތޯ، ރައްޔިތުން ވޯޓުދެނީ ގައުމު ތަރައްގީކުރަން، ފަސް އަހަރަކުން ދިވެހި ރައްޔިތުން މަހުރޫމް ކުރީމަ ގައުމަކަށް ކުރިއެރުމެއް ނާދެ،" ސައީދު ވިދާޅުވި އެވެ.