ސްޕެއިން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ހޯޒޭ ރަމޯން ބަރަނާނޯ ފަނާންޑޭޒް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި، ސްޕެއިންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި، އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި މަރުހަބާ ވިދާޅުވެ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ސްޕެއިންއާ ދެމެދުގައި އޮތް ގުޅުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ރާއްޖެއިން ދެއްވާކަން ފާހަގަކުރައްވަމުން ހޯޒޭ ރަމޯން ބަރަނާނޯ ފަނާންޑޭޒްގެ ސަފީރުކަމުގެ ދައުރުގައި މި ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދެގައުމުން ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އިގުތިސޯދީ ތަރައްގީއަށާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ތަރައްގީއަށާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިތުރު ކުރިއެރުންތައް ހޯދުމަށް ސްޕެއިންއާއެކު މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ފާހަގަކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި، ސްޕެއިންގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ޚިދުމަތްކުރެއްވުމަށް ލިބިވަޑައިގެންނެވި މި ފުރުސަތަކީ ލިބިވަޑައިގެންނެވި ފަޚުރެއް ކަމަށް ވިދާޅުވިއެވެ.
އަދި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.