ރައީސް އޮފީސް

ނައިބު ރައީސްގެ އަރިހަށް ނޯވޭގެ ސްޓޭޓް ސެކްރެޓަރީ އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ނޯވޭގެ ސްޓޭޓް ސެކްރެޓަރީ ހަރ އެކްސެލެންސީ މިސް މެރިއަން ހޭގަން، ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ނޯވޭ ސަރުކާރުގެ ފަރާތުން އެކި ގައުމުތަކުގެ އިޖްތިމާއީ ކުރިއެރުމަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް މިހާރު އެދެވޭ ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރައްވައި، މިގެނެވޭ ބަދަލުތަކުގެ ސަބަބުން ދިވެހިންނަށް ފަހި މުސްތަގުބަލެއް ލިބޭނެކަމުގެ އުންމީދު އެބައޮތްކަން ހާމަކުރެއްވިއެވެ.

އެމަނިކުފާނު ވަނީ ކައުންސިލްތައް ބާރުވެރިކުރުވައި، ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުއިކުރެއްވުމަށް ކަމަށާއި، ހާއްސަކޮށް އިގްތިސޯދީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ބާރުއަޅުއްވާކަން ފާހަގަކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ގައުމުންވެސް ޝައުގުވެރިވާ ކަންކަމާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

އެގޮތުން، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި އިޖްތިމާއީ ރައްކާތެރިކަމާއި އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި އަންހެނުން ބާރުވެރިކުރުވުމާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ތިމާވެށި ރައްކާތެރިކުރުމާއި ޑިމޮކްރަސީއާ ބެހޭގޮތުން ވަނީ ދެބޭފުޅުން މަޝްވަރާކުރައްވައިފައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.