ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އދ. ފެންފުށީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި ރަށުގެ އިގްތިސޯދީ ނަފާ އިތުރުކުރުމަށް ރާއްވަވާފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ކަމަށެވެ. އަދި ހާއްސަކޮށް ބިމުގެ ދަތިކަމުގެ މަައުލޫމާތު ހިއްސާކުރެއްވި ކަމަށެވެ.
މީގެ އިތުރުން ރަށުގެ ސިއްހީ މަރުކަޒުގައި ލެބޯޓަރީއެއް ނެތުމުން ކުރިމަތިވާ ދަތިތަކާއި ފެނާއި ނަރުދަމާ ނިޒާމު ގާއިމުވެފައި ނެތުމުން ކުރިމަތިވާ ދަތިތަކާއި ސްކޫލްގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
އަދި ޒުވާނުން ކުޅިވަރު ކުޅޭނެ ދަނޑު ފަދަ ތަންތަން ގާއިމުކޮށްދެވިފައި ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.
ރައީސް އޮފީހުން ބުނީ މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފެންފުށި ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ.