މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 838،000 އިން މައްޗަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި "މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް" ރިޕޯޓުގައި ބުނީ، މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 838،225 ކަމަށެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރީ 468,387 ފަތުރުވެރިންނެވެ.
އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އަދިވެސް އޮތީ އިންޑިއާއެވެ. އިންޑިއާ އިން 123،687 ފަތުރުވެރިން ޒިޔާރަތްކުރި އިރު، އިނގިރޭސިވިލާތުން ވަނީ 98،621 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ހަނގުރާމައިގެ ސަބަބުން ރަޝިއާ ފަތުރުވެރިންގެ އަދަދު ދަށަށް ދިޔަ ނަމަވެސް، އެގައުމު އޮތީ ލިސްޓުގެ ތިންވަނައިގައެވެ. ރަޝިއާ އިން 84،570 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، މިއަހަރު އެވްރެޖުކޮށް ރާއްޖެއަށް ދުވާލަކު 4,482 ފަތުރުވެރިން އަންނަ ކަމަށެވެ. އަދި އެ ފަތުރުވެރިން އެވްރެޖުކޮށް އަށް ދުވަސް ހޭދަކުރާ ކަމަށެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވެފައިވާ އިރު، ރާއްޖޭގެ ޖުމުލަ ބެޑް ކެޕޭސިޓީއަކީ 57,487 އެވެ.
މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމެވެ.