އެމްޕީ ރޮޒެއިނާ އާދަމް

ދޮގު ޚަބަރު ފަތުރާ ކަމަށް ވިދާޅުވެ ރޮޒައިނާ، ވަގުތު އޮންލައިން ގޮވައިގެން ކޯޓަށް ދިޔުމަށް ވިސްނަނީ

އަހުމަދު ޖައިޝަން

2

ދޮގު ޚަބަރު ފަތުރާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، އޮންލައިން މީޑިއާ "ވަގުތު އޮންލައިން"އާ ދެކޮޅަށް ދައުވާ ކުރުމަށް ވިސްނަވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ވަގުތު އޮންލައިނުން ރޭ ޝާއިއުކުރި ހަބަރަކާ ގުޅިގެންނެވެ. އެ ޚަބަރުގައި ބުނެފައިވަނީ އެޖެންޑާ 19 އައްޑޫމީދޫ ދާއިރާގެ ޖަލްސާއަށް ތަރުހީބު ނުލިބޭ ކަމަށާއި އެކަމާ ރޮޒައިނާ ހިތްހަމަޖެހިވަޑައިނުގެންނެވި ނުރުހުން ފާޅުކުރެއްވި ކަމަށެވެ.

އެކަމާ ގުޅިގެން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެމްޕެއިން ތެރޭގައި ވަގުތު އޮންލައިނުން ޝާއިއުކޮށްފައިވަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ. އަދި ރޮޒައިނާގެ ކެމްޕެއިން ޓީމުން ވަނީ އެ މައްސަލައިގައި ކޯޓަށް ދިޔުމަށް އެދިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވްސް (ބްރޯޑްކޮމް) އާއި އިލެކްޝަންސް ކޮމިޝަނުން އެ މައްސަލަ އިތުރަށް ބަލައިދިނުމަށް ރޮޒައިނާ ވަނީ އެދިފައެވެ.

ވަގުތު އޮންލައިނުން ޝާއިއުކުރި އެ ޚަބަރުގައި އިތުރަށް ބުނާގޮތުން ރޮޒައިނާގެ ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ ބޮޑު ހަރަދެއް ކޮށްގެނެވެ.

އެ ޖަލްސާގައި މީދޫން ބައިވެރިވީ ނިސްބަތުން މަދު އަދަދެއްގެ މީހުން ކަމަށާއި މާލެއިން އެކަނިވެސް 50 އެއްހާ މީހުން އެ ޖަލްސާގައި ބައިވެރިވުމަށް އައްޑުއަށް ދިޔަ ކަމަށްވެސް އެ ޚަބަރުގައި ވަނީ ބުނެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟