ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޑިފެންސް މިނިސްޓަރު މާދަމާ ހާޒިރު ކުރަނީ

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހާޒިރުކުރުމަށް ނިންމައިފި އެވެ.

އެކަމަނާ ރައްްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހާޒިރުކުރަން ހަމަޖެހިފައިވަނީ، ވަޒީރުންނާ ސުވާލުކުމަށް ހާއްސަ ކޮށްފައި އޮންނަ ގަޑިކަމުގައިވާ، ހެނދުނު 9:00 އަށެވެ.

އިދިކޮޅު ފަރާތްތަކުން ކުރިން ބުނެފައިވާގޮތަށް ޑިފެންސް މިނިސްޓަރު މާދަމާގެ ޖަލްސާއަށް ހާޒިރު މިކުރަނީ، އިންޑީޔާގެ މީޑިޔާއަކަށް ދެއްވި އިންޓަވިއުއެއްގައި، އިންޑީޔާގެ ސަލާމަތީ ބާރުތަކަށް ރާއްޖެ ހިފިދާނެކަމަށް ވިދާޅުވެ ވާހަފުޅު ދައްކަވާފައިވާތީ، އެ މައްސަލައާބެހޭގޮތުން ސުވާލު ކުރެއްވުމަށެވެ.

ޑިފެންސް މިނިސްޓަރާ ސުވާލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެކަމަނާ ހާޒިރު ކުރަން ހަމަޖެހިފައިވާއިރު އެކަމަނާގެ މައްޗަށް އިތުބާރު ނެތްކަމަށް ވޯޓު ނެގުމަށް، އެމަނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށްވެސް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލީޝަނުން ވަނީ ބުނެފައެވެ.

ނަމަވެސް އެ މައްސަލަ އަދި މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެއް ނުވެއެވެ.

ޑިފެންސް މިނިސްޓަރުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީވެސް، އިންޑިޔާގެ މީޑިޔާއަށް އެކަމަނާ ދެއްވި އިންޓިވިއުގައި ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެންނެވެ.

މީގެ ކުރިން ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، އެ އިންޓަވިއުގައި، ޑިފެންސް މިނިސްޓަރު ދައްކަވާފައިވާ ވާހަކަފުޅު ބައެއް މީޑިޔާތަކުން ބޭނުންކޮށްފައިވަނީ މާނަ އޮޅޭ ގޮތަށް ކަމަށެވެ.